06 Mar 2016, 17:11
ކައިރޯ (މާޗް 6): ސީރިޔާގައި ހަނގުރާމަ ހުއްޓާލުމަށް ހަދާފައިވާ އެއްބަސްވުމަށް އަމަލު ކުރަން ފެށިތާ ހަފްތާއެއް ތެރޭގައި 135 މީހަކު މަރާލާފައިވާ ކަމަށް ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.
ސީރިޔާގެ މަދަނީ ހަނގުރާމަ ދެ ހަފްތާއަށް މެދުކަނޑާލުމަށް ރަޝިއާ އާއި އެމެރިކާއިން މެދުވެރިވެގެން، ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ހެދި އެއްބަސްވުމަށް އަމަލުކުރަން ފެށީ މިދިޔަ މަހުގެ 27ގައި އެވެ.
އިނގިރޭސިވިލާތުގައި ހުންނަ އޮބްޒަވޭޓަރީ އިން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ސަރުކާރާ އިދިކޮޅަށް ހަނގުރާމަ ކުރާ 45 މީހަކާއި 32 އާއްމުން ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވީ ފެބްރުއަރީ 27އި މާޗް ފަހެކާ ދެމެދު ސީރިއާގެ ބައެއް ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ކަމަށް ވެސް އޮބްޒަވޭޓަރީއިން ބުންޏެވެ.
މީގެ އިތުރުން، ސީރިޔާގެ ހަނގުރާމަ ހުއްޓާލުމަށް ހަދާފައިވާ އެއްބަސްވުމުގައި ނުހިމެނޭ ސަރަހައްދުތަކުން 552 މީހަކު މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ އިން ފާހަގަކުރި އެވެ.
ގާތްގަނޑަކަށް ފަސް އަހަރުވެފައިވާ ސީރިއާގެ މަދަނީ ހަނގުރާމައިގެ ސަބަބުން 270،000ށް ވުރެ ގިނަ މީހުން މަރުވެ، އެތައް މިލިއަން މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައިވެ އެވެ. (އަލްޖަޒީރާ)