06 Mar 2016, 11:19
އިއްޔެ ލޫސިޔާނާ ސްޓޭޓްގައި ބޭއްވި ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީ ބާނައީ ސޭންޑާސްގެ މައްޗަށް ހިލަރީ ކްލިންޓަން ކުރި ހޯއްދަވައިފި އެވެ.
ލޫސިޔާނާ ސްޓޭޓްގައި ބޭއްވި އިންތިހާބުގެ ނަތީޖާ ނެރުމަށް މާ ގިނައިރެއް ނުނަގަ އެވެ. ވޯޓުލައި ނިމުނުތާ 15 ވަރަކަށް މިނިޓްގެ ތެރޭގައި އެސޯސިއޭޓް ޕްރެސް އިން ވަނީ ހިލަރީ އެ ޕްރައިމަރީ ކާމިޔާބު ކުރިކަން އިއުލާންކޮށްފަ އެވެ.
ހިޔާލު ހޯދުމުގެ ނަތީޖާ އިން ވެސް ދެއްކީ ހިލަރީ އެ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަމަށެވެ. އަދި ހިލަރީ އެ ނަތީޖާ ހޯދުމުގައި އެ ކަމަނާގެ ފިރިކަލުން އަދި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ބޭއްވި ރެލީތައް މަގުފަހިކޮށްދިން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހިލަރީ އެ ޕްރައިމަރީ ކާމިޔާބު ކުރީ ވޯޓު ދިން މީހުންގެ 71.2 ޕަސެންޓާ އެކު އެވެ. އޭނާއާ ވާދަ ކުރެއްވި ސޭންޑާސް އަށް ލިބިވަޑައިގަތީ 23.1 ޕަސެންޓެވެ.