މެނީލާ (މާޗް 6):އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ ދަށުން އެގައުމުގެ ބޯޓެއް ފިލިޕީންސުން ހިފަހައްޓައިފި ކަމަށް ފިލިޕީންސްގެ ރައީސްގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.

ފިލިޕީންސްގެ ރައީސްގެ ޑެޕިއުޓީ ތަރުޖަމާނެއް ކަމަށްވާ، މަނޯލޯ ކުއޭޒޯން ވިދާޅުވީ އުތުރު ކޮރެއާއިން ހިންގާ ނިއުކްލިއާ މިޝަންތަކާ ގުޅިގެން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގައި ފިލިޕީންސުން ވެސް ބައިވެރިވާން ޖެހޭނެ ކަމަށެވެ.

ފިލިޕީންސްގެ ވެރިރަށް މެނީލާގައި މިހާރު އޮތް ޖިން ޓެންގް ހިފަހައްޓާފައި ވަނީ ޔޫއެން އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ ދަށުން، އެބޯޓުގައި ހުރި ކާގޯ ތަހުގީގު ކުރަން ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. އަދި ބޯޓުގައި ތިބި ފަޅުވެރިން ޑީޕޯޓު ކުރާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.

އުތުރު ކޮރެއާއަށް ދަތިކުރުމުގެ ގޮތުން އަޅާފައިވާ އެއް ފިޔަވަޅަކީ އެގައުމުން އެހެން ގައުމުތަކަށް ފޮނުވާ ހުރިހާ މުދަލާއި އެގައުމަށް އެތެރެކުރަން މަސައްކަތް ކުރާ ހުރިހާ މުދަލެއް އެއާޕޯޓުތަކުން ބެލުމެވެ.

ފިލިޕީންސްގެ އެ ނިންމުމާއެކު އެގައުމު ވެގެން ދިޔައީ ޔޫއެންއިން އުތުރު ކޮރެއާއާ ދެކޮޅަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރި ފުރަތަމަ ގައުމަށެވެ. (ބީބީސީ)