06 Mar 2016, 11:25
ދެހާސް ބާރަ ވަނަ އަހަރު ރިލީޒް ކުރި ކަރަން ޖޯހަރުގެ ކާމިޔާބު ފިލްމު،ސްޓުޑެންޓް އޮފް ދަ އިޔަރގެ ދެވަނަ ބައެެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރަން ބުނެފި އެވެ.
މިހާރު ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ އާލިޔާ ބަޓް، ސިދާރްތު މަލޯތުރާ އަދި ވަރުން ދަވަން އެކުގައި ފެނިގެން ދިޔަ އެ ފިލްމުގެ ދެވަނަ ބައެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރަން ބުނެފައި ވަނީ ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
ޓްވިޓާގައި ކަރަންގެ ސަޕޯޓަރަކު އެ ފިލްމުގެ ދެވަނަ ބައެއް ފެނިދާނެތޯ ސުވާލު ކުރުމުން ކަރަން ވަނީ ދެ މަސް ދުވަހުގެ ތެރޭ އެކަން އިއުލާނު ކުރާނެ ކަމަށް ބުނެފަ އެވެ.
ސްޓުޑެންޓް އޮފް ދަ އިޔަރއަކީ އެކުގައި ކިޔަވަމުން އަންނަ ޒުވާނުންތަކެއްގެ މެދުގައި އޮންނަ އެކުވެރިކަމާ، ވާދަވެރިކަމާ، ހަސަދައާ އަދި ލޯބީގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
އެ ފިލްމުގެ މުހިންމު ރޯލުތަކުން ރިޝީ ކަޕޫރު، ސަނާ ސައީދު އަދި ރޮނިތު ރޯއީ ފެނިގެންދެ އެވެ.