06 Mar 2016, 10:26
މީގެ އަށް ވަރަކަށް މަސް ކުރިން ކައިވެނީގެ ގޮށް ޖަހާލި ބޮލީވުޑުގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރު އޭނާގެ އަންހެނުން މީރާ ރާޖްޕުތު ކަޕޫރަށްޓަކައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފައި ވަނީ ޝާހިދު ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާފައި ވަނީ ކުރީގެ ލޯބިވެރިޔާ ކަރީނާ ކަޕޫރާ ދެމީހުން ރުޅިވުމަށް ފަހު، މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ކަމަށެވެ.
އަދި އޭނާ ސިނގިރޭޓަށް ދެވި ހިފި ކަމަށާއި، ސިނގިރޭޓާ ދުރުވަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވި ކަމަށެވެ.
ނަމަވެސް މިފަހަރު އަނބިމީހާއާ މީރާއަށް "ދެވިހިފާފައިވާ" މިންވަރުގެ ސަބަބުން މީރާއަށް ޓަކައި އެ އާދަ މިވަނީ ދޫކޮށްލައިފަ އެވެ. ޝާހިދު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މީރާ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށްވެ އެވެ.
މީރާ އާއި ޝާހިދު އުމުރުގެ ގޮތުން ވަރަށް ބޮޑުތަން ތަފާތު ނަމަވެސް، ދިރިއުޅުމަށް އެކަމުން އެއްވެސް އަސަރެއް ނުކުރާ ކަމަށާއި ދެމަފިރިން އުޅެމުންދަނީ ވަރަށް ލޯބިން ކަމަށް ދެމީހުންގެ ގާތް މީހުން އަންނަނީ ބުނަމުންނެވެ.
އެކަން، އެ ދެތަރިން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މުޅި ދުނިޔެއަށް ވެސް ހާމަ ކުރަމުންނެވެ. މީރާ އާއި ޝާހިދު ހިނިތުންވުމާ އެކު، ނަގާފައިވާ ސެލްފީތަކާއި ފޮޓޯތަކުން، އެ ދެތަރިންގެ ދިރިއުޅުން ކިތަންމެހާ ވެސް އުފާވެރިކަން ހާމެވެ އެވެ.