06 Mar 2016, 13:44
ކ. ތުލުސްދޫގައި އިންޓަނެޓްގެ ހިދުމަތް ދިނުމަށް އެންޓަނާ ޖެހުމަށް އަމިއްލަ ކުންފުންޏަކަށް ބިމެއް ދޫކުރުމަށް ނިންމާފައި ވަނިކޮށް، އެރަށު ކައުންސިލްގެ ކުރީގެ ރައީސް ޔޫޝައު ޖަމީލު އޭނާގެ އަމިއްލަ ގޯތީގައި އެންޓަނާ ޖަހާފައިވާތީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީ އަށް ހުށަހެޅުނު މައްސަލަ ތަހުގީގު ކުރުމަށްފަހު އެ ކޮމިޝަނުން ބުނެފައި ވަނީ ތުލުސްދޫގައި އިންޓަނެޓްގެ ހިދުމަތް ދިނުމަށްޓަކައި އެންޓަނާއެއް ޖެހުމަށް ބިންކޮޅެއް ހޯދަން ޕްރައިވެޓް ކުންފުންޏަކުން ކައުންސިލުގައި އެދުމުން، އެ ކުންފުންޏަށް ބިމެއް ދޭން ކައުންސިލު ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ކައުންސިލުގެ އޭރުގެ ރައީސް ވެސް އިންނެވި ކަން ފާހަގަކުރެވިފައިވާ ކަން އޭސީސީ އިން ވަނީ ބުނެފަ އެވެ.
ބިންކޮޅެއް ހޯދުމަށް އަމިއްލަ ކުންފުންޏަކުން ތުލުސްދޫ ކައުންސިލްގައި އެދުނީ 2012 ވނަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު ކަމަށާއި އެ ކުންފުންޏަށް ބިންކޮޅެއް ދޭން ކައުންސިލުން ނިންމީ އެ މަހުގެ 17 ވަނަ ދުވަހު ކަމަށް އޭސީސީ އިން ބުނެ އެވެ.
ތުލުސްދޫގައި އިންޓަނެޓްގެ ހިދުމަތް ރީޓެއިލް ކުރުމުގެ ހުއްދަ މޯލްޑިވްސް ޓެލެކޮމް އޮތޯރިޓީއިން އެ ކުންފުންޏަށް ދީފައިވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ 19 ގަ އެވެ.
އެހެންކަމުން ކުންފުނީގެ ފަރާތުން ކައުންސިލްގެ ރައީސްގެ ގޯތީގައި އެންޓަނާ ޖަހާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، ކަމަށާއި ދައުލަތަށް ފައިދާވާގޮތަށް ކުރެވެން އޮތް މުއާމަލާތެއްގެ މައުލޫމާތު އޭނައަށް އެނގިހުރެ، އެ ކުންފުންޏާއެކު އެއްބަސްވުމެއް ހަދައި ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގެ ފައިދާ އަމިއްލައަށް ހޯދައިފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.
މިހާރު އެ މައްސަލަ ވަނީ ޕީޖީ އަށް ފޮނުވާފަ އެވެ.