06 Mar 2016, 10:03
ކުރިން ކޮންމެ އަހަރެއްގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި ފަށާ އޭލެވެލްގެ ކިޔެވުން 2356 ކުދިންނާ އެކު މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ރާއްޖޭގެ 60 ސްކޫލެއްގައި މިއަދު އޭލެވެލް 11ގެ ކިޔެވުން ފަށާފައިވާ އިރު އަލަށް 2356 ކުދިން ކިޔަވަން ފަށާފައިވާ ކަމަށެވެ.
މި އަހަރު އޭލެވެލްގެ ކިޔެވުން ކުރިން ފެށުމާ އެކު ސްކޫލުތަކުގައި ތިން ބެޗެއް ދަނީ ކިޔަވަމުންނެވެ. އެއީ މިދިޔަ އަހަރު ކިޔަވަން ފެށި އޭލެވެލްގެ ބެޗާއި މި އަހަރު 12 ނިމޭ ބެޗްގެ އިތުރުން އަލަށް ފެށި ބެޗެވެ. އެގޮތުން ޖުމުލަ 6623 ކުދިން އަންނަނީ އޭލެވެލްގައި ތައުލީމް ހާސިލް ކުރަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެހެން އަހަރުތަކަށް ވުރެ އަވަހަށް މިފަހަރު އޭލަވަލްގެ ކިޔެވުން ފެށީ އޯލެވެލް ނިމި ދިގު މުއްދަތެއް ހޭދަވާތީ އެ ވަގުތު ބޭނުން އެންމެ އެދެވޭގޮތަށް ކުރުމަށް ކަމަށެވެ.
މިއަހަރު ކިޔަވަން ފެށިގޮތުން އޯލެވެލް ޓެސްޓްތަކާ އެކު އޮކްޓޫބަރު ނުވަތަ ނޮވެމްބަރު ހިސާބުގައި އޭލެވެލްގެ ޓެސްޓު ވެސް ފެށޭނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.