06 Mar 2016, 09:59
ކާބުލް (މާޗް 6):އަފްޣާނިސްތާނުގެ ސަރުކާރާއެކު ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާނީ އެ ޖަމާއަތުން ކަނޑައަޅާފައިވާ ޝަރުތުތައް ސަރުކާރުން ފުރިހަމަ ކުރުމުން ކަމަށް ތާލިބާނުން އިއްޔެ ބުނެފި އެވެ.
ތާލިބާން ޖަމާއަތުން އިއްޔެ ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ޝަރުތުތަކަކީ، ބޭރުގެ ފައުޖުތައް އަފްޣާނިސްތާނުން ފޮނުވާލުމާއި، ތާލިބާނުންގެ ނަންތައް ބައިނަލްއަގުވާމީ ބްލެކްލިސްޓުން ފޮހެލުމާއި، އެޖަމްއިއްޔާ އަށް ނިސްބަތްވާ ގައިދީން ދޫކޮށްލުމެވެ. އަދި އެ ޝަރުތުތައް ފުރިހަމަ ނުކުރަނީސް އަފްޣާނިސްތާނުގެ ހަމަނުޖެހުންތަކަށް ހައްލެއް ނުލިބޭނެ ކަމަށް ތާލިބާނުން ބުންޏެވެ.
މީގެ އިތުރުން، އެހެނިހެން ގައުމުތަކުގެ ފައުޖުތައް އަފްޣާނިސްތާނުގައި ގިނަވެފައިވާ ކަންވެސް ތާލިބާނުން ފާހަގަ ކުރި އެވެ.
މިދިޔަ މަހު އަފްޣާނިސްތާނާއި ޕާކިސްތާނާއި ޗައިނާއާއި އެމެރިކާގެ އޮފިޝަލުން ވަނީ އަފްޣާނިސްތާނުގެ ސަރުކާރާއި ތާލިބާނުންނާ ދެމެދު ސުލްހައިގެ ވާހަކަތައް ދެއްކުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބައްދަލުކުރައްވާފަ އެވެ. އަދި މިމަހުގެ ފުރަތަމަ ހަފްތާތަކުގެ ތެރޭގައި އަފްޣާނިސްތާނުގެ ސަރުކާރާއި ތާލިބާނުން ސުލްހައިގެ ވާހަކަތައް ބާއްވާ ގޮތަށް ހަމަޖެއްސި އެވެ. ނަމަވެސް، ތާލިބާނުން ވަނީ މިހާރު އެބައްދަލުވުމުގައި ބައިވެރިނުވާނެ ކަމަށް ބުނެފަ އެވެ. (ޕްރެސްޓީވީ)