06 Mar 2016, 09:47
ވޮޝިންޓަން (މާޗް 6):ފަޒާގައި އުޅޭކަމަށް ބެލެވޭ މަޚްލޫގުތައް (އޭލިޔަންސް) އާއި ފްލައިން ސޯސާ ފަދަ ތަކެއްޗާބެހޭ ފަޒާގެ ސިއްރު އެތަށް މައުލޫމާތެއް އެމެރިކާއަށް ލިބިފައިވާ ކަމަށާއި އެމެރިކާގެ ރައީސްކަން ލިބިވަޑައިގެންފިނަމަ މި މައުލޫމާތު އާންމުންނަށް ހާމަކުރައްވާނެ ކަމަށް އެމެރިކާގެ ރިޔާސީ ރޭހުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ހޯއްދަވަން މަސައްކަތް ކުރައްވާ ހިލަރީ ކްލިންޓަން ވިދާޅުވެއްޖެއެވެ.
ކްލަސް ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި ހިލަރީ ވިދާޅުވީ، އޭލިޔަންސް އަކީ އުޅޭ އެއްޗެއްކަން އޭނާ ގަބޫލުކުރައްވާކަމަށާއި އޭލިޔަންސްއާ ބެހޭ ވަރަށް އަޖައިބު ކުރަނިވި މައުލޫމާތު އެމެރިކާގެ ފަޒާއާބެހޭ އިދާރާ ނާސާއަށް ލިބިފައިވާ ކަމުގައެވެ.
ހިލަރީގެ ކޭންޕޭން މެނޭޖަރަކީ ބިލްކްލިންޓަންގެ ވެރިކަމުގައި ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާވެސް ވަނީ އޭލިޔަންސް އާއި ފްލައިން ސޯސާ ފަދަ ތަކެއްޗާބެހޭގޮތުން ސާބިތު ކުރެވިފައިވާ ހަގީގަތްތަކެއް އެމެރިކާގައި ސިއްރެއްގެ ގޮތުގައި އެބަހުރި ކަމަށް ވިދާޅުވެ އެމައުލޫމާތު އާންމު ކުރުމަށް އެމެރިކާ ސަރުކާރަށް ގޮވާލައްވާފައެވެ.
އެމެރިކާގައި ޝާއިޢުކުރެވިފައިވާ ބައެއް ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ސަރުކާރުން ސިއްރު ސަރަހައްދެއްގެ ގޮތުގައި ޒަމާނުއްސުރެ ގެންގުޅޭ "އޭރިޔާ ފިފްޓީ ވަން" ސަރަހައްދުގައި އޭލިޔަން އާއި ފްލައިން ސޯސާ އުޅެއެވެ. ނަމަވެސް މިބާވަތުގެ ތަކެތި އެސަރަހައްދުގައި އުޅޭކަން އެމެރިކާ ސަރުކާރުން ތެދެއްވެސް އަދި ދޮގެއްވެސް ނުކުރެއެވެ.
ހިލަރީ ވިދާޅުވީ، އެކަމަނާއަށް އެމެރިކާގެ ވެރިކަން ލިބިވަޑައިގެންފިނަމައޭރިޔާ ފިފްޓީ ވަންއަށް ޚާއްސަ ޓީމެއް ފޮނުއްވައިގެން އެސަރަހައްދުގައިވާ ސިއްރުތައް އެމެރިކާގެ ރައްޔިތުންނަށް ހާމަކުރައްވާނެ ކަމުގައެވެ.
"އޭރިޔާ ފިފްޓީ ވަން" އަކީ އެމެރިކާގެ ނެވާޑާ ސްޓޭޓްގައިވާ ސަރައްދެކެވެ.އޭރިޔާ ފިފްޓީ ވަންގައި ގޮތްނޭނގޭ ސިއްރު ވަޅުގަނޑެއް ހުންނަ ކަމަށްވެސް ވެއެވެ.
އެމެރިކާގެ ނިއުހެމްޝަރ ގައި ވާހަކަ ދައްކަވަމުން ހިލަރީ ވަނީ އޭލިޔަންސްގެ ޖަމާއަތެއް ދުނިޔެއަށް އައިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އަދި އެކަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އޭލިޔަންސް އަކީ އެހެން ޕްލެނެޓްތަކުގައި ދިރިއުޅޭ މަޚްލޫގުތަކެއްކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. ނަމަވެސް މިއީ ހަގީގަތެއްކަން އިލްމީ ގޮތުން ޔަގީން ކުރެވިފައެއް ނުވެއެވެ. (އާރުޓީ)