06 Mar 2016, 08:55
ކަސްޓަމްސް އޮފިސަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ކުރި އިއުލާނެއްގައި، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުގެ މަގާމަށް 23 މީހަކު ހޯދުމަށް ވަނީ އިއުލާނުކޮށްފަ އެވެ.
އިއުލާނުގައި ބުނެފައި ވަނީ، އެ މަގާމަށް ހޮވޭ މީހުން ވަޒީފާ އަދާކުރަން ޖެހޭނީ މާލެއާއި ރާއްޖެތެރޭގެ ކަސްޓަމްސް އޮފީސްތަކުގައި ކަމަށެވެ.
ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ އިތުރުން އަސާސީ މުސާރައާއި އިތުރު ގަޑީގެ ފައިސާ އަދި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް، ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތަކާއެކު ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހަޅަން ޖެހޭނެ ކަމަށް ކަސްޓަމްސްގެ އިއުލާނުގައިވެ އެވެ.
ވަޒީފާއަށް އެދޭ ފޯމު ކަސްޓަމްސްގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި އަދި އެ ސާވިސްގެ ވެބްސައިޓުން ޑައުންލޯޑު ވެސް ކުރެވޭނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.