ސްޕެނިޝް ލީގްގައި ރެއާލް މެޑްރިޑާއި ސެލްޓާ ވިގޯ ބައްދަލުކުރި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބްކުރި ހަތަރު ގޯލާއި އެކު 7-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

އެމޮޅާއި އެކު ލީގް ތާވަލަށް އެއް ވެސް ބަދަލެއް އައިސްފައި ނުވާއިރު ރެއާލް އޮތީ 60 ޕޮއިންޓާއެކު ލީގު ތާވަލުގެ ތިންވަނައިގައެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 61 ޕޮއިންޓް ލިބިފައިވާއިރު އެއްވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައިވަނީ 69 ޕޮއިންޓެވެ.

ސްޕެނިޝް ލީގްގައި ރެއާލް މެޑްރިޑާއި ސެލްޓާ ވިގޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ރެއާލްގެ ސެންޓިއާގޯ ބާނަބިއުގައި ކުޅުނު އެ މެޗުގައި އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން އެ ޓީމުން ވަނީ ގޯލެއް ޖަހައި ލީޑް ނަގާފައެވެ. ރެއާލްގެ ފުރަތަމަ ގޯލު 41 ވަނަ މިނެޓްގައި ޕެޕޭ ކާމިޔާބް ކުރީ އިސްކޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ދެވަނަ ހާފް ފެށިގެން 50 ވަނަ މިނެޓުގައި ސާޖިއޯ ރާމޯސްގެ އެހީތެރިކަމާއި އެކު ރޮނާލްޑޯ ގޯލެއް ކާމިޔާބު ކުރިއިރު އޭގެ އަށް މިނެޓްފަހުން އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯ ވަނީ ރެއާލްގެ ލީޑް އިތުރަށް ފުޅާ ކޮށްދީފައެވެ.

އެ މެޗުގައި މާއެދެވޭ ކުޅުމެއް ދެއްކިފައި ނުވާ ސެލްޓާއަށް ސުން ކަނޑުވާލަ ދިން ގޯލު މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބް ކޮށްދިނީ ލާގޯ އަސްޕަސް އެވެ.

ސްޕެނިޝް ލީގްގައި ރެއާލް މެޑްރިޑާއި ސެލްޓާ ވިގޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ސެލްޓާއިން ގޯލެއް ކާމިޔާބްކުރިތާ ތިން މިނެޓްފަހުން އިސްކޯ ތަނަވަސްކޮށް ދިން ފުރުސަތަކުން ރޮނާލްޑޯ ވަނީ އެ މެޗުގައި ތިން ވަނަ ގޯލު ކާމިޔާބްކޮށް އޭނަގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އެ ހެޓްރިކާ އެކު ލަލީގާގައި އެންމެ ގިނަ ހެޓްރިކް ފުރިހަމަ ކޮށްފައިވާ ރޮނާލްޑޯގެ ހެޓްރިކްގެ އަދަދު ވަނީ 30 އަށް އަރާފައެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރާ ބާސެލޯނާގެ ލިއޮނަލް މެސީއަށް ފުރިހަމަ ކުރެވިފައިވަނީ 26 ހެޓްރިކެވެ.

ރޮނާލްޑޯ ވަނީ މެޗުގެ 76 ވަނަ މިނެޓުގައި ޖެސީ ރޮޑްރިގޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އޭނާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ ލީގްގައި އޭނާ 228 މެޗު ކުޅެގެން ކާމިޔާބްކުރި 252 ވަނަ ގޯލެވެ.

ސްޕެނިޝް ލީގްގައި ރެއާލް މެޑްރިޑާއި ސެލްޓާ ވިގޯ ބައްދަލުކުރި މެޗުގައި ބޭލްގެ ގޯލު ޖެހުމަށްފހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ރެއާލްއިން ގިނަ ގޯލުތަކެއް ޖެހި އެމެޗުގެ 78 ވަނަ މިނެޓްގައި ޖެސީ އެ ޓީމުގެ ލީޑް ފުޅާކޮށްދިން އިރު އޭގެ ތިން މިނެޓްފަހުން ގެރެތު ބޭލް ވަނީ އެ ޓީމުގެ ފަހު ގޯލު ކާމިޔާބްކޮށްދީފައެވެ. ބޭލްގެ އެ ގޯލަކީ ގިނަ ދުވަސްތަކެއްވަންދެން އަނިޔާގައި ހުރުމަށްފަހު މިރޭގެ މެޗުގެ ދެވަނަ ހާފްގައި ކުޅެން ނިކުމެ އޭނާ ކާމިޔާބުކުރި ގޯލެކެވެ.