އައްޑޫ ސިޓީ ހިތަދޫގެ ޓެކްސީ ޑްރައިވަރެއްގެ އަތާއި ބޮލުގައި ދަތް އެޅި ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ޢުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫގައި ކާރު ޑްރައިވަރެއްގެ އަތުގައާއި ބޮލުގައި ދަތްއަޅައި ޒަޚަމްކުރިމަކުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ރޭ 11:00 އެހާކަންހާއިރުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ހަތިޔާރުން ބިރުދައްކައިގެން ފޭރުމާއި މަސްތުވާ ތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން މިރޭ ބުންޏެވެ. އޭނާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.