އިނގިރޭސި ޕްރިމިއާ ލީގްގައި 10 ކުޅުންތެރިންނާއި އެކު ކުޅުނު އާސެނަލް އިން 2-2ގެ ނަތީޖާ އަކުން ޓޮޓެންހަމާއި އެއްވަރުވެގެން ނިމެއްޖެއެވެ.

އެ ނަތީޖާއާއެކު އާސެނަލް އަށް 52 ޕޮއިންޓާއެކީ ލީގްގެ ތިންވަނަ ލިބޭއިރު ޓޮޓެންހަމް އޮތީ 55 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގައެވެ. ލީގުގެ އެއްވަނައިގައި 57 ޕޮއިންޓާއެކީ އޮތީ ލެސްޓަ ސިޓީއެވެ. ލެސްޓާއިން ލީގުގައި މިރޭ ވޮޓްފޯޑްއާ ބައްދަލުކުރާ މެޗުން މޮޅުވެ ފަސް ޕޮއިންޓަށް ލީޑް ފުޅާ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ޓޮޓެންހަމާއި އާސެނަލް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ޓޮޓެންހަމްގެ ވައިޓް ހާޓް ލޭންގައި ކުޅުނު އެމެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ލީޑްނެގީ އާސެނަލްއިންނެވެ. އެގޮތުން 39 ވަނަ މިނެޓްގައި އާސެނަލްގެ ގޯލު އެ ޓީމަށް ކާމިޔާބް ކޮށްދިނީ ބެލެރިން ތަނަވަސް ކޮށްދިން ފުރުސަތެއް ގައި އާރަން ރަމްސީއެވެ.

ފުރަތަމަ ހާފް އާސެނަލް އިން ލީޑްގައި އޮވެ ނިންމާލި ނަމަވެސް އެޓީމަށް މައްސަލަތަކާއި ކުރިމަތިވީ 55 ވަނަ މިނެޓްގައި ޒުވާން މިޑްފިލްޑަރު ފްރެންސިސް ކޮކެލިންއަށް ދެއްކި ރަތްކާޑާއެކުއެވެ. އެގޮތުން 10 ކުޅުންތެރިންނާއި އެކު ކުޅުނު އާސެނަލް ކޮޅަށް ޓޮޓެންހަމްއިން ވަނީ ދެ މިނެޓް ތެރޭގައި ދެ ގޯލު ކާމިޔާބް ކޮށްފައެވެ. އެއީ 60 ވަނަ މިނެޓްގައި ޓޯނީ އަލްޑަވެއިރެލްޑް ކާމިޔާބްކޮށްދިން ގޯލައި އޭގެ ދެ މިނެޓް ފަހުން ހެރީ ކޭން ޖަހައިދިން ގޯލެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ޓޮޓެންހަމާއި އާސެނަލް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

އެ ގޯލަށްފަހު ވެސް ޓޮޓެންހަމްއިން ރަނގަޅަށް ކުޅެނު ނަމަވެސް އެ ޓީމަށް ވަނީ އާސެނަލްގެ ގޯލަށް އިތުރު ބޯޅައެއް ވައްދާނުލެވިފައެވެ. އެ މެޗުގައި އާސެނަލް ސަލާމަތްކޮށްދިން ގޯލު މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ އެލެކްސިސް ސަންޗޭޒް އެވެ.