06 Mar 2016, 09:21
ބައެއް ފަހަރު އޭނާ ބަދަލުވަނީ ކުޑަކުއްޖަކަށެވެ. އަނެއް ބައި ފަހަރު ދުވަސްވީ މީހަކަށެވެ. އަނެއްބައި ފަހަރު ކޮންމެވެސް އެހެން އުމުރެއްގެ މީހަކަށެވެ. އެފަދަ ވަގުތުތަކުގައި އޭނާގެ އުޅުމާއި ދައްކާ ވާހަކަތައް ހުންނަނީ އޭނާ އެބަދަލުވާ ޝަހުސިއްޔަތެއްގެ އުމުރާ ގުޅޭ ގޮތަށެވެ. އާންމު ހާލަތުގައި އޭނާ ހަދާން ނުހުންނަ ކުރީގެ ދިމާވެފައިވާ ކަންކަމުގެ ވާހަކަ އޭނާ އެފަދަ ވަގުތުތަކުގައި ދަށްކަ އެވެ. މިއީ ކުޑައިރު ހިތްދަތި ދިރިއުޅުމެއް ތަހައްމަލް ކުރި ކުއްޖެއްގެ މިއަދުގެ ހާލެވެ.
މިހާރު އުމުރުން 23 އަހަރުގެ އެ އަންހެން ކުއްޖާއަކީ ހިތްދަތި ދިރިއުޅުމެއް ތަހައްމަލް ކުރަން ޖެހުނު މީހެކެވެ. ފާހާނާއަށްލައި ބަންދުކޮށް ބޮކިނިވާލުމާއި ކާން ނުދީ ބެހެއްޓުމަކީ އެ އަންހެން ކުއްޖާ ކުޑައިރު އޭނާ ތަހައްމަލް ކުރަންޖެހުނު ކަންތައްތަކެވެ. އުމުރުން ޅަދުވަހު އޭނާ ވޭތު ކުރަންޖެހުނީ އާއިލާގެ މައްސަލަތަކާއި މައިބަފައިންގެ އަނިޔާތަކުގެ ތެރޭގަ އެވެ. ގޭތެރޭގައި އޭނާ ހުރީ ބާކީކޮށް ލަދުގަންނަވާފައި އެވެ. ބޮޑުވެގެން އައިއިރު ސުކޫލުގެ ތެރެއިން ވެސް ޖިންސީ ގޯނާގެ ޝިކާރައަކަށްވި އެވެ. ޅައިރުގެ ހިތްދަތި ދިރިއުޅުމާ އެކު މިއަދު އޭނާ ވޭތު ކުރަންޖެހިފައި މިވަނީ ނަފްސާނީ ބައްޔެއްގެ ތެރޭގަ އެވެ.
ދިމާވެފައިވާ މައްސަލަތައް ސަން އަށް ކިޔައިދެނީ- ސަން ފޮޓޯ:އަހުމަދު ޝަރުވާން
މަޑުމައިތިރި މިޒާޖުގެ އެ އަންހެން ކުއްޖާ ބައެއް ވަގުތުތަކުގައި ރުޅިގަދަ މީހަކަށް ބަދަލުވެ އެވެ. އަދި އަނެއްބައި ވަގުތުތަކުގައި އޭނާ އޭގެ ކުރިން ނުފެންނަ އެހެން މިޒާޖެއްގައި ހުއްޓާފެނެ އެވެ. އެއަށް ފަހު އޭނާ އާންމު ހާލަތައް ބަދަލުވެ އެވެ. އެއާއެކު އޭނާ އެހެން ޝަހުސިއްޔަތަކަށް ބަދަލުވި ކަން އޭނާއަކަށް ނޭނގެ އެވެ. އަދި ދެއްކުނު ވާހަކައެއް ވެސް ހަދާނެއް ނުހުރެ އެވެ. ސުވާލަކީ މި ވަނީ ކިހިނެއްތޯ އެވެ؟ މުޖުތަމައު ގަބޫލްކުރާ ގޮތުން އެއީ ޖިންނި ނުވަތަ ސިހުރުގެ ކަމަކަށް ވެދާނެ އެވެ. ނަމަވެސް ސިއްހީ މާހިރުން ވިދާޅުވާ ގޮތުން އެއީ ނަފްސާނީ ބައްޔެކެވެ. އެބައްޔަށް މި ކިޔަނީ ޑިސޯސިއޭޓިވް އައިޑެންޓިޓީ ޑިސްއޯޑާ (ޑީއައިޑީ) އެވެ.
ޑީއައިޑީ އަކީ ކިހިނެއް ދިމާވާ ކޮން ބައްޔެއް؟
ޑިސޯސިއޭޓިވް އައިޑެންޓިޓީ ޑިސްއޯޑާ ނުވަތަ ކުރިން ކިޔާ ގޮތުން ނަމަ މަލްޓިޕްލް ޕާސަނަލިޓީ ޑިސްއޯޑާއަކީ ލިބޭ ބޮޑު އަނިޔާއެއްގެ ސަބަބުން، ހާއްސަކޮށް ކުޑަ އިރު ލިބޭ ޖިސްމާނީ ނުވަތަ ޖިންސީ ނުވަތަ ނަފުސާނީ ބޮޑު އަނިޔާއެއްގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ކަމެކެވެ. އެ ބަލި ޖެހުމުންވާ ގޮތަކީ މީހާގެ ވިސްނުމާއި ހިޔާލު އޭނާއާ ގުޅުން ކެނޑުމެވެ.

ޑިސޯސިއޭޓިވް އައިޑެންޓިޓީ ޑިސްއޯޑާއަށް ހޭލުންތެރިކުރުމުގެ ބެނާއެއް--
ހިޔާލާއި ވިސްނުން މީހާއާ ގުޅުން ކެނޑުމަކީ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމުގައި ކެތްކޮށް، ކުރިމަތިވެފައިވާ ކަންތައް ހަނދާން ނައްތައިލުމަށް އިންސާނާގައިވާ ގުދުރަތީ ނިޒާމެއް ކަމަށް ބައެއް މާހިރުން ދެކެ އެވެ. ނަމަވެސް އެކަން ބައްޔަކަށްވުމުންވާ ގޮތަކީ އެކެއްގެ ކިބައިގައި ދޭއް ނުވަތަ އެއަށް ވުރެ ގިނަ، މުޅިން ތަފާތު ޝަހުސިއްޔަތު ހުރުމެވެ. އެގޮތުން އެކި ވަގުތުތަކުގައި އޭނާގެ ވިސްނުން ކޮންޓްރޯލް ކުރާނީ އެކި ޝަހުސިއްޔަތުތަކެވެ.
އެގޮތުން އެ ބަލީގެ މީހާގެ ކިބައިގައި އެކި ވަގުތު ހުންނަ ޝަހުސިއްޔަތުތަކުގެ ތެރެއިން ކޮންމެ ޝަހުސިއްޔަތަކަށް ވެސް ވަކި އުމުރަކާއި ޖިންސަކާއި އާދަކާދަތަކަކާއި އަހުލާގިއްޔާތެއް ލިބިގެންވާނެ އެވެ. އަދި އެފަދަ މީހާ "ހިޕްނޮޓައިޒް" ކުރުމުން އެ ޝަހުސިއްޔަތުތައް ތެރަޕިސްޓަށް ޖަވާބުދާރީވާ ފަހަރު އާދެ އެވެ.
އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ޓެކްނިކަލް ޑިރެކްޓާ އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި އެ ބަލި ޖެހިފައިވާ ފަރާތްތަކަށް އާންމުކޮށް އެހެން ޝަހުސިއްޔަތަކަށް ބަދަލުވެގެން ދަނީ އޭނާއަށް ހިތްދަތި ނުވަތަ އުނދަގޫ ކަމެއް ކުރިމަތިލާން ޖެހޭ ހާލަތްތަކުގައި ކަމަށެވެ.
"މިސާލަކަށް 25 އަހަރު ކުދިން ވެދާނެ ތިން އަހަރުގެ ކުއްޖަކަށް، އޭނަގެ އޯލްޓާ ސުޓޭޓަކީ ތިން އަހަރުގެ ކުއްޖެއް. ފަހަރެއްގައި މަލްޓިޕުލް ޕާސަނަލިޓީ ހުރެދާނެ، އެންމެ ކުއްޖަކަށް ނޫން އޭނާ ވަނީކީއެއް، ތިން އަހަރުގެ ކުއްޖާއަށް ވެސް ވެދާނެ، ތިން އަހަރުގެ ކުއްޖާއަށް ޓޮލެރޭޓް ނުކުރެވޭ ކަންތައް 60. އަހަރުގެ މުސްކުޅިއަކަށް ވެސް އޭނަ ވެދާނެ. އަންހެނަކު ފިރިހެނަކަށް ވެސް ވެދާނެ،" ސައުދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހެން ޝަހުސިއްޔަތަކަށް އޭނާ ބަދަލުވާ ފަހަރުތަކުގައި އެހެން މީހަކަށްވެ ހުރެ އޭނާގެ އަމިއްލަ ނަފްސުގެ ވާހަކަތައް ކިޔައިދެމުންދާ ކަމަށެވެ. އޭނާ އަމިއްލަ ޝަހުސިއްޔަތައް ބަދަލުވުމުން އޭނާ ކުރިން ދެއްކި ވާހަކަތައް އޭނާ ހަނދާން ނުހުންނަ ކަމަށް ސައުދާ ވިދާޅުވި އެވެ.
ދައްކާ ވާހަކަތަކުގެ އިތުރުން އޭނާގެ ހަށިގަނޑަށް ވެސް އެފަދަ ވަގުތުތަކުގައި ބަދަލު އާދެ އެވެ. އައިސީޕީގެ އެހެން ސައިކޮލޮޖިސްޓެއް ކަމަށްވާ ދިމުތު ޕަސްކުއަލް ވިދާޅުވި ގޮތުގައި އެއް ޝަހުސިއްޔަތުން އަނެއް ޝަހުސިއްޔަތައް މީހާ ބަދަލުވާއިރު އެ މީހެއްގެ މޫނަށާއި ހަށިގަނޑަށް އެ ބަދަލުވާ އުމުރަކާ ގުޅޭ ގޮތަށް ބަދަލުތައް އަންނަ ކަމަށެވެ.

ސައިކޮލޮޖިސްޓް ދިމުތު ސަން އަށް އިންޓަވިއު ދެނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ލަސްނުކޮށް ފަރުވާއަށް ފަށަން ޖެހޭ
ދިވެހި މުޖުތަމައު ގަބޫލްކުރެވިފައިވާ ގޮތުން އެއީ ސިހުރު ނުވަތަ ޖިންނި ބަލީގެ ކަމަކަށްވެދާނެ އެވެ. އެހެންކަމުން އެންމެ ގިނައިން މީހުން ފަރުވާހޯދަން ދެވެނީ އެ ދިމާލަށެވެ. ކިޔެވެލިތައް ކިޔަވައި ފަރުވާ ދޭން ފަށަނީ އެވެ.
ސައިކޮލޮޖިސްޓެއް ކަމަށްވާ ދިމުތު ވިދާޅުވި ގޮތުގައި އެއީ ސިހުރުކަމަށް ގަބޫލްކުރެވޭ ނަމަ އެކަމަށް ފަރުވާ ހޯދުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އެކަމުގައި ހައްދުފަހަނަ އަޅައި ނުދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. ހަމައެއާ އެކު ސިއްހީގޮތުން އެކަމަށް ފަރުވާ ކުރުމަށް އޭނާ އިލްތިމާސްކުރެ އެވެ.
އޭނާ ވިދާޅުވީ އެފަދަ ބަލިތަކުގެ ސަބަަބުން ވިސްނުމުގައި ހުސްކަމެއް ނޫނީ މެމޮރީ ގެޕެއް އިނދެދާ ނެތީ ތެރަޕީތައް ނެގުން މުހިންމު ކަމަށެވެ. އޭރުން އެތެރެޕީގެ ސަބަބުން އެކަންކަން ފިލް ކުރެވި އެބަލި ރަނގަޅުކުރެވޭނެ ކަމަށް ދިމުތު ވިދާޅުވި އެވެ.
"ތަފާތު ފަރުވާތައް ހުރޭ، ސައިކޯ އެނާލިސިސް ކޮގުނަޓިވް ތެރަޕީ، ހިޕްނޯ ތެރަޕީ، ޕާސަން ސެންޓާ ތެރަޕީ، އެތެރަޕީތަކުން ފަރުވާދެވި އެމީހުންގެ މައްސަލަތައް ހައްލަކަށް އާދޭ،" ދިމުތު ވިދާޅުވި އެވެ.
އިސްވެ މި ފާހަގަކުރި ޑީއައިޑީގެ ނަން ދެވިފައިވާ ނަފްސާނީ ބަލީގެ މައްސަލަތައް މިވަނީ ރާއްޖޭގައި އާންމުވެފަ އެވެ. އެތައް ދިވެއްސަކަށް އެކަންދިމާވެފައިވާ އިރު ހަގީގަތުގައި މިވަނީ ކީއްކަމެއް ގިނަ ބަޔަކަށް ދެނެނުގަނެވި ތިބޭތަން އެ ދަނީ ފެންނަމުންނެވެ. އެފަދަ ކަންކަން ދިމާވެފައިވާ ފަރާތްތަކަށް އަވަހަށް ފަރުވާ ދިނުމަށް ނުވަތަ ހައްލު ހޯދަން މަސައްކަތް ކުރަން ޖެެހެ އެވެ. އެގޮތުން އައިސީޕީގެ ހޮޓްލައިން 7978802 އަށް ގުޅުމުން އެފަރާތްތަކުން އެހީތެރިވެދެ އެވެ. އައިސީޕީއަކީ ހެޔޮއަގުގައި ކައުންސެލިން އަދި ތެރަޕީ ދެމުންދާ ތަނެކެވެ.
އިސްވެ މިފާހަގަކުރި ނަފްސާނީ ބަލީގެ ސަބަބުން އެތައް ބައެއް އެ ވަނީ ގޮތް ނޭނގޭ ކަންތައްތަކެއްގެ ތެރެއަށް ވެއްޓި ގޮސްފަ އެވެ. ހޭލުންތެރިވެ ފަރުވާއަށް މި ފެށެނީ އޭގެ ތެރެއިން މަދުބައެކެވެ. އެހެންކަމުން އެފަދަ ކަމެއް ދިމާވާ ފަރާތެއް ނުވަތަ އެފަދަ ކަމެއް ދިމާވާ މީހެއްގެ މައުލޫމާތު އެނގޭ ނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދަން މަސައްކަތް ކުރާށެވެ.
------------------------------------------------------------
ނޯޓް: މިއީ ނަފްސާނީ އެކި މައްސަލަތަކަށް އާންމުން ހޭލުންތެރި ކުރުމަށް ސީރީޒެއްގެ ގޮތަށް ސަންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ގެނެސްދޭ ރިޕޯޓްތަކެއްގެ ތެރެއިން ދެ ވަނަ ރިޕޯޓެވެ. މި ސީރީޒު ނިމެންދެން ކުރިއަށް އޮތް ކޮންމެ ހަފްތާއެއްގައި މިފަދަ ރިޕޯޓެއް ގެނެސްދެވޭނެ އެވެ.
މި ރިޕޯޓް ސީރީޒްއަށް ނަފްސާނީބަލީގެ މައުލޫމާތު ދެއްވާފައި ވަނީ، އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިންނެވެ. އައިސީޕީ އަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ތަފާތު ދާއިރާތަކުގެ ފަރުވާދޭ އިންސްޓިޓިއުޓްއެކެވެ. އެ އިންސްޓިޓިއުޓުން ކައުންސެލިންގް އާއި ސައިކޮތެރަޕީގެ ތަފާތު ހިދްމަތްތައް ދެ އެވެ.