ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްޚަ ނޫން ކޯޓު އަމުރެއް ނެރުމަށް ކުރީގެ ޕީޖީ މުހުތާޒު މުހުސިން އދ. މާމިގިއްޔަށް ދިޔަ މައްސަލާގައި ހައްޔަރު ކޮށްފައި ބެހެއްޓުމަށްފަހު އޭނާ ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ކޯޓުން މުހުތާޒު ދޫކޮށްލީ އޭނާގެ ބަންދާއި މެދު ތިން ވަނަ ފަހަރަށް ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ގެންދިއުމުން ނެވެ.

އެ މައްސަލާގައި އެންމެ ފުރަތަމަ މުހުތާޒު ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބެލުމަށް ފަހު މުހުތާޒުގެ ބަންދަށް ފުރަތަމަ ވަނީ 15 ދުވަސް ޖަހާފަ އެވެ. އެއަށްފަހު އަނެއްކާ އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ.

މުހުތާޒު ބަންދުގެ އިސްތިއުނާފު މައްސަލަ ބެލުމަށްފަހު ހައިކޯޓުން މީގެ ކުރިން ބުނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ވެރިކަން ވައްޓާލުމަށް ކޯޓު އަމުރު ހޯދުމަށް މިދިއަ މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހާކަންހާއިރު ލޯންޗެއްގައި މާލެއިން ފުރައިގެން މުހުތާޒު މާމިގިއްޔަށް ގޮސް އެރަށުގެ މެޖިސްޓްރޭޓަކާ ގުޅިގެން މާމިގިލި މެޖިސްޓްރޭޓް ކޯޓު ހުޅުވައިގެން ރައީސް ޔާމީން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް މުހުތާޒު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މުހުތާޒުގެ އިތުރުން ދެން އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް، ގއ. މާމެންދޫ، ވީނަސް އަހްމަދު ނިހާނެވެ. އޭނާގެ ބަންދަށް ހައިކޯޓުން ވަނީ ހަތް ދުވަސް އިތުރުކޮށްފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.