05 Mar 2016, 19:34
ބޭރުގެ ވިޔަފާރިވެރިއެއްގެ ނަމުގައި މަކަރާއި ހީލަތުން އެހެން މީހުންގެ އަތުން ފައިސާ ހޯދަމުން ދިޔަ 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ އެ މީހާ ހައްޔަރުކުރީ ބޭރު ގައުމެއްގެ ވިޔަފާރިވެރިއެއްގެ ނަމުގައި ރާއްޖޭގައި ވިޔަފާރި ފަށައިދޭނެ ކަމަށްބުނެ އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅޭ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެމައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އިއްޔެގެ ވަގުތެއްގައި މާލެއިން ހައްޔަރު ކުރި އެ އަންހެން މީހާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުން އެކި ގޮތްގޮތުން ފައިސާ ހޯދަން ދިވެހިންގެ ތެރެއިން ބަޔަކު ކުރަމުންދާ މަސައްކަތުގައި މިވަނީ އަނެއްކާވެސް އައު ގޮތްތަކެއް ހޯދައި އެގޮތަށް ރޭވުންތައް ރާވައި ފައިސާ ހޯދަން ފަށާފައިވާ ކަމަށާއި އެކަމަށް ރައްޔިތުން ސަމާލުވުމަކީ ފުލުހުންގެ އިލްތިމާސެއް ކަމަށެވެ.
މީގެ ކުރިން ވަނީ ރީލޯޑް ކުރުވައިގެންނާއި ރާސްޓަސް ކޮށްގެން މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފަ އެވެ. އަދި އެކި އެކި ކުންފުނިތަކުގެ ނަމުގައި ވެސް ވަނީ އެތައް ބައެއްގެ އަތުން ފައިސާ ހޯދާފަ އެވެ.