ޑާކްރެއިން އެންޓަޓައިންމެންޓުގެ ފިލްމު "ވާށޭ މަށާއެކީ" ގެ ދެވަނަ ލަވަ "އެ ކިނބޫ" ރިލީޒު ކޮށްފި އެވެ.

އަންނަ މަހު ފަސް ވަނު ދުވަހު ރިލީޒު ކުރަން ހަމަޖެހިފައިވާ އެ ފިލްމުގެ ދެވަނަ ލަވަ ރިލީޒުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ކަނޑުމަތީގައި ބޮޑު ބައެއް ޝޫޓުކޮށްފައިވާ އެ ލަވައިގަ ފެނިގެން ދަނީ، ކުޑަކުދިން މޫދުގައި ކުޅެން ގެންގުޅޭ ރަބަރު ކިނބުލެއް ހިފައިގެން ފިލްމުގެ ހަތަރު ތަރިއަކު ދަތުރުދާ މަންޒަރެވެ.

"އެ ކިނބޫ" ވެސް ކިޔާފައިވަނީ "ވާށޭ މަށާއެކީ" ގެ ޕްރޮމޯޝަނަލް ލަވަވެސް ކިޔާފައިވާ ފަތުހުﷲ އަބްދުލްފައްތާހް (ފަތޯ) އެވެ. އެ ލަވައިގެ މިއުޒިކާއި ލިރިކުސް ވެސް ހަދާފައިވަނީ އޭނާ އަމިއްލަ އަށެވެ.

"ވާށޭ މަށާއެކީ" ގެ ލީޑު ރޯލުން ފެނިގެންދަނީ ދިވެހި ފިލްމު އިންޑަސްޓްރީގައި ވިދަމުން އަންނަ ދެ ތަރިން ކަމަށްވާ މުހައްމަދު ޖުމައްޔިލް އާއި މަރިޔަމް މަޖުދާ އެވެ.

މުހައްމަދު އަލީ އާއި އައިޝަތު ފުއާދު ތައުފީޤު ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި ޖުމައްޔިލް އާއި މަޖޫގެ އިތުރުން މުހައްމަދު ފައިސަލް އާއި އާމިނަތު ނޫރާ، އަލީ ޝަޒްލީމު، ހަމްދާން ފާރޫގު ފަދަ ތަރިން ފެނިގެންދާނެ އެވެ.