05 Mar 2016, 16:29
ގދ. ފަރެސްމާތޮޑާ ރަށު ކައުންސިލް އިދާރާ އިން ވައްކަންކޮށް ސިއްހީ މަރުކަޒުގެ ތިޖޫރީ ވަގަށް ނެގި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ވައްކަން ކޮށްފައި ވަނީ މާރިޗު މަހުގެ ދެ ވަނަ ދުވަހުގެ ރޭ ދަންވަރު، ސިއްހީ މަރުކަޒަށް ވަނުމަށް ފަހު ކަމަށެވެ. އަދި ސިއްހީ މަރުކަޒުގެ ތިޖޫރީ ވަގަށް ނެގުމަށް ފަހު ރަށު ކައުންސިލް އިދާރާ އަށް ވަގަށް ވަދެ ކައުންސިލް އިދާރާގެ އޮފީސް ތެރޭގައި އޮތް ފޯނެށް ވަގަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ. އެ ދެ މީހުންނަކީ ވެސް ދިވެހިންނެވެ.
އެ ދެމީހުން ހައްޔަރުކޮށްފައިވާ އިރު، ސިއްހީ މަރުކަޒުގެ ތީޖޫރީ އާއި ކައުންސިލުން ވަގަށް ނެގި ތަކެތި 24 ގަޑިއިރުތެރޭގައި ވަނީ ހޯދައިފަ އެވެ.
ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގެ ތިޖޫރީ ހޯދާފައި ވަނީ އެ ރަށު މާތޮޑާ އަވަށުގައި އޮތް ފެންގަނޑެއްގެ ތެރެއަށް އެއްލާލާފައި ވަނިކޮށް ފެންގަނޑަށް ފީނައިގެން މި މަހުގެ ތިން ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށާއި ކައުންސިލް އިދާރާ އިން ވަގަށް ނެގި ކަމަށް ބެލެވޭ ފޯނު ހޯދާފައި ވަނީ އެ މައްސަލާގައި ހައްޔަރުކުރި މީހުން ދިރިއުޅޭގެ ބަލައި ފާސްކޮށް އެ ގެއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ތިޖޫރީ ފެނުނު ނަމަވެސް، އޭގައިވާ ފައިސާ ފެނިފައި ނުވާތީ ތިޖޫރީން ގެއްލުނުކަމަށް ބެލެވޭ ފައިސާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.
މިހާތަނަށް ބެލި ބެލުމުން ދެ މައްސަލައިގައި ވެސް ވައްކަން ކޮށްފައި ވަނީ އެއްބައެއްކަން އެނގިފައިވާ ކަމަށާއި ހައްޔަރު ކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން ކަޑައަޅާތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރަން ކޮންމެ މީހަކަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.