ދިވެހިރާއްޖޭގެ އަންހެނުންނަށް ކުރެވޭ ގެވެށި އަނިޔާތައް ހުއްޓުވައި އަންހެނުން ބާރުވެރި ކުރުވުމަށް ޕްރޮގުރާމްތައް ހިންގުމަށް ސާވޭއެއް ކުރަން ފަށައިފިއެވެ.

ރާއްޖޭގެ އަންހެނުންގެ ހާލަތު ދެނެގަތުމަށް ކުރިއަށް ގެންދާ އެ ސާވޭއަކީ މަހަލްދީބު ފައުންޑޭޝަނާއި އިންސްޓިޓިއުޓު ފޯ ކައުންސިލިން އެންޑް ސައިކޯތެރަޕީ (އައިސީޕީ) ގުޅިގެން ކުރިއަށް ގެންދާ ސާވޭއެކެވެ.

މަހަލްދީބު އިން ބުނީ، ސާވޭގައި އެއްކުރެވޭ މައުލޫމާތުގެ އެހީގައި ރިޕޯޓެއް ތައްޔާރުކޮށް އާއްމުކޮށް ޕަބްލިޝް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ސާވޭގައި ބައިވެރިވުމަށްwww.mahaldheeb.org/surveyމި ލިންކަށް ދިއުމުން ބައިބެރިވެވޭނެ ކަމަށްވެސް މަހަލްދީބު އިން ބުނެއެެވެ.

ހަމައެހެންމެ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި އަންހެނުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބާރުވެރި ކުރުވުމަށް ކޮންފަރެންސެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މަހަލްދީބުން ބުނެއެވެ.

އެ ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.