އިސްތަންބޫލް (މާޗް 5): ތުރުކީގެ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ވާގިވެރިވާ ކަމަށް ބުނެ، 'ޒަމާން' ނޫސް، ސަރުކާރުގެ ދަށަށް ގެނައުމަށް ފަހު ފުލުހުން އެ އިމާރާތަށް ވަދެ ހިސޯރުކޮށްފި އެވެ.

ތުރުކީގައި އެންމެ ފުޅާ ދާއިރާއެއްގައި ނޫސް ޗާޕު ކުރާ "ޒަމާން"ގެ އިސްތަންބޫލުގައި ހުންނަ އޮފީހަށް ފުލުހުން ރޭ ވަދެފައި ވަނީ އެ އޮފީހުގެ ބޭރުގައި މުޒާހަރާ ކުރަމުން ދިޔަ މީހުންނާ ދިމާލަށް ކަރުން ގޭހާއި ވޯޓާ ކެނަން ބޭނުންކޮށްގެން ފެން ޖެހުމަށް ފަހު އެވެ.

ޒަމާންއަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ވެރިކަމާ ދެކޮޅު ހަދާ އިލްމުވެރިއެއް ކަމަށްވާ ފަތުﷲ ގްލެންއާ ގުޅުން އޮންނަ ނޫހެކެވެ. ފަތުﷲ އިސްވެ ހުރެގެން ހަދާފައިވާ ޖަމާއަތެއް ކަމަށްވާ ހިޒްމަތް އަކީ ރައީސް އުރުދުޣާން ވެރިކަމުން ވައްޓާލަން ހަދާފައިވާ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ތުރުކީގެ ސަރުކާރުން ބުނެ އެވެ.

ޒަމާން ސަރުކާރުގެ ދަށަށް ގެންދިޔުމަށް ތުރުކީގެ ކޯޓަކުން ނިންމީ އިއްޔެ އެވެ. އޭގެ ސަބަބުން ގިނަ ބަޔަކު ވަނީ ޒަމާންގެ އޮފީސްތައް ކައިރިއަށް އެއްވެ އެނޫސް ސަރުކާރުގެ ދަށަށް ގެންދިޔުމާ ދެކޮޅުހަދައިފަ އެވެ.

"ފާރުގައި ލިޔަން ޖެހުނަސް މިނިވަން ނޫސްވެރިކަން ކުރިއަށްދާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން. ޑިޖިޓަލް ޒަމާނެއްގައި މީޑިއާގެ އަޑު ކަނޑާލުމަކީ ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑަކަށް ހީނުވޭ،" ޒަމާންގެ އެޑިޓާ އިން ޗީފް ވިދާޅުވި އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އާއި ފްރީޑަމް ހައުސް ފަދަ ޖަމްއިއްޔާތަކުން ވަނީ ތުރުކީގެ ނިންމުން ކުށްވެރިކޮށްފަ އެވެ. (ބީބީސީ)