ލޮނުރަހަ ހެޔޮވަރު ކުރާ ވާހަކައަކީ ބަދިގެތެރެއިން ކަންފަތާ އެންމެ ރައްޓެހި ޖުމްލައެވެ. ތެދެކެވެ. ބަޑުފުރާނަ މުއްތިކުރަން ދިރުވާލާ ކާ އެތިކޮޅަކީ މީރު އެއްޗަކަށް ވާން ބޭނުންނަމަ އޭގެ ލޮނުރަހަ ހެޔޮވަރު ކުރަންޖެހެ އެވެ.

ކާ އެއްޗެހީގެ ރަހަ ކިތަންމެ މީރު ކުރުވި ނަމަވެސް، ލޮނަކީ ސިއްހަތަށް އެހާ ރަނގަޅު އެއްޗެއް ނޫނެވެ. ލޮނު ބޭނުން ކުރާ މިންވަރު އަބަދުވެސް ކޮންޓްރޯލް ކުރަން ޖެހޭނެ އެވެ. ނޫން ނަމަ ފަލަ-ބަލި ނުވަތަ އޮބޭސިޓީ ޖެހުމަށް މެދުވެރިވެ އެވެ. ހަމައެހެންމެ، ސްޓްރޯކު ޖެހުމާއި ހިތުގެ އެހެން ބަލިތަކަކީ ވެސް ލޮނު ބޭނުން ކުރާ މިންވަރު މަދު ނުކުރެވިއްޖެ ނަމަ ދިމާވެދަނެ ކަންތައްތަކެވެ.

އެހެންކަމުން، ލޮނު ބޭނުން ކުރާ މިންވަރު މަދުކުރުން ނުވަތަ ކޮންޓްރޯލް ކުރަން ޖެހެއެވެ. އެގޮތުން ލޮނު ބޭނުން ކުރެވޭ މިންވަރު މަދު ކުރެވޭނެ ތިން ގޮތަކަށް ބަލައިލާނަމެވެ.

ކޮންމެ އެއްޗެއް ގަތުމުގެ ކުރިންވެސް އެ އެއްޗެއްގެ ލޭބަލަށް ނަޒަރު ހިންގާލުން

ވިޔަފާރި ކުރުމުގައިވެސް ލޮނު އެކުލެވޭ މިންވަރު މަދު އުފެއްދުންތައް ގަންނަން ސަމާލުކަން ދޭށެވެ. އެގޮތުން ކޮންމެ އުފެއްދުމެއް ގަތުމުގެ ކުރިން އޭގެ ލޭބަލް ކިޔުމަށް ހަނދާން ކުރާށެވެ. އަދި ލޮނު ނުވަތަ ސޯޑިއަމް އެކުލެވޭ މިންވަރު ވީހާވެސް މަދު އުފެއްދުންތައް ގަންނަން އިސްކަން ދޭށެވެ.

ގިނަ އަދަދަކަށް ލޮނު އެކުލެވޭ އުފެއްދުން ތަކުގެ ތެރޭގައި ސޯއި ސޯސް، އަސާރަ ފަދަ އެއްޗެހި ހިމެނެއެވެ. އެހެންކަމުން އެ ބާވަތުގެ އުފެއްދުންތަކުގެ ތެރޭގައިވެސް ލޮނު އެކުލެވޭ މިންވަރު ވީހާވެސް މަދު އުފެއްދުންތައް ގަންނަން އާދަ ކުރާށެވެ.

ކެއްކުމުގައިވެސް ލޮނު ބޭނުން ކުރާ މިންވަރު މަދު ކުރުން

ކާއެއްޗެހި ކެއްކުމުގައި ނުވަތަ ތައްޔާރު ކުރުމުގައިވެސް، ސޯއި ސޯސް ފަދަ ގިނަ އަދަދަކަށް ލޮނު އެކުލެވޭ އުފެއްދުންތައް މަދު ކުރުމަށް ހަނދާން ކުރާށެވެ. އެގޮތުން ލޮނު ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ކެއްކުމުގައި ފަތުގެ ބާވަތްތަކާއި، ލުނބޯ، ވިނެގާ، ކުކިން ވައިން އަދި ކުޅިރަހަ ލައްވާ ކާނާ ބޭނުން ކުރާށެވެ. ލޮނުރަހަ މަޑު ނަމަވެސް ރަހަ ޔަގީނުންވެސް މީރު ވާނެ އެވެ.

ހަމައެހެންމެ، ދަޅު މަސް ބޭނުން ކުރުމުގެ ކުރިން ސާފު ފެންފޮދަކުން މަސްކޮޅު ދޮންނަން ހަނދާން ކުރާށެވެ. އޭގެ ސަބަބުން މަހުގައި އެކުލެވޭ ލޮނުގެ މިންވަރު ދަށް ކޮށްދޭނެއެވެ.

ކެއުމުގައި ސަމާލުކަން ދިނުން

ކެއްކުމެކޭ އެއްފަދައިން ކެއުމުގައިވެސް ގިނަ އަދަދަކަށް ލޮނު އެކުލެވޭ ސޯސްތަކާއި ކެޗަޕުތައް ބޭނުންކުރާ މިންވަރު މަދުކުރަން ޖެހޭނެއެވެ. ހަމައެހެންމެ، ދަޅުމަހާއި ވަޅޯމަސް، ފަދަ ބަންދުކޮށްފައި ހުންނަ މަސް ކެއުމުގެ ބަދަލުގައި ތާޒާ މަސް ކެއުމަށް އިސްކަން ދޭށެވެ.

ބްރައިންގައި ބަންދުކޮށްފައި ހުންނަ އޮލިވްސް، އަސާރަ ފަދަ އެއްޗެހި ކެއުންވެސް މަދު ކުރާށެވެ. ހަމައެއާއެކު، ރެސްޓޮރަންޓު ތަކުން ކާއިރުވެސް، އޯޑަރު ކުރާ ކާއެއްޗެހި ލޮނު މަޑުކޮށް ނުވަތަ ލޮނު ނުލާ ތައްޔާރު ކުރުމަށް ޝެފަށް ނުވަތަ ވެއިޓަރަށް އަންގާށެވެ.

ލޮނުބޭނުން ކުރާ މިންވަރު މަދު ކުރުމަށް ބުނި ނަމަވެސް ބައެއް މީހުންނަށް އެއީ އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. އަދި ލޮނު ބޭނުންކުރާ މިންވަރު މަދު ނުކުރެވިއްޖެ ނަމަ ސިއްހީ ގޮތުން އެތަކެއް ނުރައްކަލާ ކުރި މަތިލާން ޖެހޭ ވާހަކައަކީ ވެސް ގިނަ ބަޔަކު ގަބޫލު ކުރާ އަދި ގަބޫލު ކުރަން ބޭނުން ނުވާ ވާހަކަތަކެއް ނޫނެވެ.

އެހެންނަމަވެސް ހަގީގަތަކީ އެއީއެވެ. ލޮނު ބޭނުންކުރާ މިންވަރު މަދު ނުކުރެވިއްޖެ ނަމަ ހީ ނުކުރާހާވެސް ބޮޑެތި ނުރައްކަލާ ކުރިމަތިލާން ޖެހެއެވެ.

މައުލޫމާތު: 1މިލިއަން ހެލްތުޓިޕްސް