އައްޑޫ ސިޓީގެ ހިތަދޫގައި ވިޔަފާރިވެރިޔަކު މަރާލުމަށްފަހު އެއްލާލާފައި އޮއްވައި ފެނުނު މައްސަަލާގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި ހުކުރު ދުވަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

މަރާލުމަށްފަހު ޗަސްބިމަކަށް އެއްލާލާފައި އޮއްވައި ފެނިފައި ވަނީ ސ. ހިތަދޫ، ބުރުނީގެ އަބްދުﷲ އަލީ އެވެ.

އޭނާ އަކީ ހިތަދޫ ޓޫވޭވް ފިހާރައިގެ ވެރިޔާއެވެ.

ފުލުހުން ބުނީ އަލީ ފެނިފައި ވަނީ މާރިޗު ދެވަނަ ދުވަހު އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އެދުވަހު ހެނދުނު 8:50 ކަންހާއިރު ހިތަދޫ ސްކޫލާދިމާގައި އޮތް އަލައޮޅެއްގެ ތެރެއިން ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އޭނާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނެ އެވެ.

އަލީގެ އާއިލާއިން ބުނީ އޭނާގެ ހަށިގަނޑުން ޒަހަމްތަކެއް ފެންނަން ހުރި ކަމަށެވެ.