ވޮޝިންޓަން (މާޗް 5): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވި ބެން ކާސަން ރޭހުން ވަކިވެވަޑައިގެންފި އެވެ.

ކުރީގެ ނިއުރޯސާޖަންއެއް ކަމަށްވާ، ކާސަން ރިޔާސީ ރޭހުން ވަކިވެވަޑައިގަތްނަވާކަން އިއުލާން ކުރެއްވީ ރޭގަ އެވެ. އަދި ރޭހުން ވަކިވެވަޑައިގަތް ނަމަވެސް "ގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންދާނެ" ކަމަށް ކާސަން ވިދާޅުވި އެވެ.

ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި މިހާރު ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން، ކާސަން ތާއިދު ކުރައްވާނެ ބެފުޅަކު އޭނާ ވިދާޅުވެފައި ނުވެ އެވެ.

ރިޔާސީ ރޭހުގައި އެންމެ ފުރަތަމަ ގިނަ ބަޔެއްގެ ތާއިދު ލިބުނު ނަމަވެސް، އެފަދަ މައިދާނެއްގެ ތަޖުރިބާ މަދުވުމާއި ހާރިޖީ ސިޔާސަތު ރަނގަޅު ނުވުމުގެ ސަބަބުން ކާސަންއަށް ތާއިދު ކުރާ މީހުން ދިޔައީ މަދުވަމުންނެވެ. (ބީބީސީ)