05 Mar 2016, 12:45
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި ދުވަސްވަރު، އެ ކުންފުނީގެ މިހާރުގެ ޑެޕިއުޓީ ސީއީއޯ މަހުދީ އިމާދު އޭނާގެ މަގާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އޭނާގެ ގާތް މީހަކަށް ވަޒީފާ ދީފައިވާ ކަމަށް އޭސީސީ އިން ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ދެހާސް ހަ ވަނަ އަހަރު މަހުދީގެ ގާތް ތިމާގެ މީހަކަށް ވާޒީފާ ދީފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް އޭސީސީ އިން މިހާރު ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ.
އެކަމާ ގުޅިގެން މަހުދީ އިމާދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ އޭސީސީ އިން މަސައްކަތް ކޮށްފައި ވަނީ އޭނާގެ އަބުރު ގެއްލިދާނެ ފަދަ ގޮތަކަށް، ކަނޑައެޅިގެން ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ.
"އެންޓިކޮރަޕްޝަން ކޮމިޝަނުން މަސައްކަތް ކުރައްވާފައި ވަނީ އާންމުންގެ މެދުގައި އަޅުގަނޑުގެ އަބުރު ގެއްލިދާނެ ފަދަ އަދި ކަނޑައެޅިގެން ހަގީގަތް އޮޅޭ ގޮތަށެވެ." މަހުދީގެ ބަޔާނުގައިވެ އެވެ.
މަހުދީ ވިދާޅުވީ އޭސީސީ އިން އެ މައްސަލަ ތަހުގީގު ކޮށްފައި ވަނީ ނުރަނގަޅު މަގުސަދެއް އޮވެގެން، އެ މަގުސަދު ހާސިލް ކުރުމަށް ކަމަށެވެ. އެމްޕީއެލްގައި މަހުދީ މަސައްކަތް ކުރާތާ 28 އަހަރު ވެފައިވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވި މައްސަލަ ތަހުގީގު ކުރި އިރު އެމްޕީއެލް އިން ކަނޑައަޅާފައިވާ އާންމު އުސޫލުތަކާ ގަވާއިދު ތަކަށް އޭސީސީ އިން އެއްވެސް ވަރަކަށް ބަލާފައި ނުވާ ކަމަށެވެ.
މަހުދީ ވިދާޅުވީ އޭސީސީ އިން އޭނާ އާމެދު އަމަލު ކުރަމުން ދަނީ ޒާތީގޮތުން ކަމަށް ދެކޭ ކަމަށާއި، އެހެންކަމުން އެ ކޮމިޝަނުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަނުން މީގެ ކުރީގައި ވެސް މިފަދަ އަސްލެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް ތާކުންތާކު ނުޖެހޭ ކަމެއްގައި މުޅި މީޑިއާގައި އަޅުގަނޑުގެ އަބުރު ކަތިލާން މަސައްކަތް ކުރެއްވި އެވެ." މަހުދީ ވިދާޅުވެފައިވެ އެވެ.
މަހުދީ ވަނީ ޒިންމާދާރުކަމާ އެކު އޭސީސީ އަށް ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކޮށް، ޒާތީ ތައައްސަބުން އެއްކިބާވެ، ގާނޫނުން ލިބިދީފައިވާ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ގޮވާލާފަ އެވެ.
ޕޯޓްސް ލިމިޓެޑްގައި މަސައްކަތް ކުރާތާ އަހަރު ހަމަނުވާ މުވައްޒަފަކު ގާނޫނީ ވަކީލުކަމުގެ ޑިގްރީ ކޯހެއްގައި މެލޭޝިއާ ފޮނުވި މައްސަލައެއްގައި މީގެ ހަތަރު އަހަރު ކުރިން މަހުދީ އިމާދު މަގާމުގެ ނުފޫޒު ބޭނުންކުރައްވައި ވަކި މުވައްޒަފަކަށް ނާޖާއިޒު ފައިދާ ހޯދައިދެއްވާފައިވާ ކަމަށް ބުނާ މައްސަލައެއް ވެސް އޭސީސީ އިން ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.
އޭގެ އިތުރުން އެމްޕީއެލްގެ ސީއީއޯ ކަމުގައި މަހުދީ ހުންނެވި އިރު އޭނާގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 132،000 ރުފިޔާ ހަމަޖެއްސި ކަމަށް ބުނާ މައްސަލައެއް ވެސް އޭސީސީ އިން ތަހުގީގު ކުރި އެވެ.