05 Mar 2016, 12:42
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާނަކީ ޒާތީ މައުލޫމާތު ހިމެނޭ މައުލޫމާތުތަކަކަށް ވާތީ، މާލީ ބަޔާން އާންމު ކުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.
މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާނާ ބެހޭ މައުލޫމާތު ހާމަކޮށްދިނުމަށް އެދި އާންމު ފަރާތަކުން މަޖިލީހަށް ފޮނު ސިޓީގެ ޖަވާބުގައި މަޖިލީހުން ބުނެފައި ވަނީ، މައުލޫމާތު ހޯދައި ލިބިދިނުމުގެ ހައްގުގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ)ގެ ދަށުން މާލީ ބަޔާނުގައި ހިމެނޭ މައުލޫމާތަކީ މެމްބަރުންގެ ޒާތީ މައުލޫމާތުކަމުގައި ވާތީ ހާމަ ކުރެވެން ނެތް ކަމަށެވެ.
މައުލޫމާތު ހޯދައި ލިބިދިނުމުގެ ހައްގުގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ)
- ދައުލަތުގެ އިދާރާއަކުން ދޫކުރަން ޖެހޭ މައުލޫމާތަކީ، ތިން ވަނަ މީހެއްގެ ޒާތީ މައުލޫމާތު ކަމުގައިވާ ނަމަ، އެ މައުލޫމާތެއް އެ ތިންވަނަ މީހާގެ ރުހުމާއި އެކު މެނުވީ ދައުލަތުގެ އެ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރު ދޫކޮށްގެން ނުވާނެ އެވެ.
އެސިޓީގެ ޖަވާބުގައި ޝިފްޒާ އުމަރު ނަމަކަށް ކިޔާ އާންމު ފަރުދަކު ބުނެފައި ވަނީ މައުލޫމާތު ހޯދުމަށް ހުށަހަޅާފައި ވަނީ މާލީ ބަޔާން އާންމުކުރި މެމްބަރުންނާއި ނުކުރާ މެމްބަރުންގެ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ނަންތަކަކީ އާންމުންނަށް އެނގޭ ނަންތަކަކަށްވެފައި މާލީ ބަޔާން ހުށަހެޅުން އެއީ މެމްބަރުންގެ ގާނޫނީ ޒިންމާއަކަށްވާ އިރު އެމައުލޫމާތު ސިއްރުކުރުމުގެ ސަބަބެއް ގާނޫނީ ގޮތުން އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށް އެސިޓީގައި ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި މައުލޫމާތެއް މަޖިލީހުގެ މެމްބަރުންގެ ޒާތީ މަސްލަހަތާއި ގުޅުވައިގެން ދޫނުކުރުމަކީ މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ ގާނޫނާއި ފުށުއަރާ އަމަލެއް ކަމަށް ވެސް އެސިޓީގައި ވަނީ ބުނެފަ އެވެ.
ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހޭނެ އެވެ.
ގާނޫނު އަސާސީގެ 76 ވަނަ މާއްދާ
- ކޮންމެ މެމްބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތު ތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ އެވެ. އަދި މިގޮތުންދޭ މައުލޫމާތުގައި އެމީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެވަޒީފާތަކުގެ ޒިންމާތައް ހިމަނަންވާނެ އެވެ.
މަޖިލީހުގެ މެމްބަރުންނަށް ގާނޫނު އަސާސީ އިން ލާޒިމްކުރާ މަލީ ބަޔާން މިދިޔަ އަހަރުގައި ހުށަހެޅުއްވި ފުރަތަމަ މެމްބަރަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެވެ.