05 Mar 2016, 12:18
އަންކާރާ (މާޗް 5): ތުރުކީގެ ގޮނޑުދޮށުގައި މަރުވެފައިވާ އޮއްވައި ފެނުނު ތިން އަހަރުގެ އަލަން ކުރުދީގެ މަރާ ގުޅިގެން ދެމީހެއްގެ މައްޗަށް ތުރުކީގެ ކޯޓަކުން ހަތަރު އަހަރުގެ ޖަލު ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަބްދުﷲ ކުރުދީ އާއި އޭނާގެ އާއިލާ ތުރުކީން ގްރީސްއަށް ދަތުރުކުރި މަގުމަތީގައި އެމީހުންގެ ބޯޓު ފެތުމާ ގުޅިގެން މަރުވި މީހުންގެ ތެރޭގައި އަބްދުﷲގެ އަނބިމީހާ، ރިހާން، އެމީހުންގެ ދެ ކުދިން، ގާލިބް ކުރުދީއާއި އަލަން ކުރުދީ ހިމެނުނެވެ. އެ ހާދިސާގައި ސަލާމަތްވީ އަބްދުﷲ ކުރުދީ އެކަންޏެވެ. އެ ހާދިސާއަށް ފަހު އޭނާ ވަނީ އަނބުރާ ސީރިއާއަށް ގޮސްފަ އެވެ.
ކަނޑަށް ފެތުނު ފަހުން އަލަން ކުރުދީގެ ހަށިގަނޑު ލެއްގީ ތުރުކީގެ ގޮނޑުދޮށަށެވެ. އެ މަންޒަރު ފެންނަ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުވެ، މުޅި ދުނިޔެ ވެސް ރެފިއުޖީންގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަން ފެށި އެވެ.
ތުރުކީގެ ސްޓޭޓް ނިއުސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި، އަލަން ކުރުދީއާއި އިތުރު ހަތަރު މީހެއްގެ މަރާ ގުޅިގެން މުވާފަކާ އަލަބަޝް އަދި އާސިމް އަލްފަރްހާދް ކިޔާ ދެމީހެއްގެ މައްޗަށް އެގައުމުގެ ކޯޓަކުން ޖަލު ހުކުމް ކުރީ އިންސާނުންގެ ވަގުފާރި ކުރުމުގެ ކުށުގައި އެވެ.
އަލްބަޝްއާއި އަލްފަރްހާދް ވަނީ މަރުވި މީހުންގެ އެއްވެސް ޒިންމާއެއް އެމީހުން ނަގަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި އެދަތުރު ރޭވީ އަބްދުﷲ ކުރުދީ ކަމުން، މަރުގެ ޒިންމާ ނަގަން ޖެހޭނީ އޭނާ ކަމަށް ބުނެފަ އެވެ. (ގާޑިއަން)