މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާ އިރު، މިއަހަރު ޖެނުއަރީ މަހު ރާއްޖޭގެ ރިސޯޓްތަކުގެ އޮކިއުޕަންސީ ދަށްވެ، ގެސްޓްހައުސްތަކުގެ އޮކިޕެންސީ ރޭޓް 3.9 ޕަސެންޓް މަތިވެއްޖެ އެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ޖެނުއަރީ މަހު ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ހުރީ 28.2 ޕަސެންޓުގަ އެވެ. ނަމަވެސް މި އަހަރު ޖެނުއަރީ މަހު އެ އަދަދު ވަނީ 32.2 ޕަސެންޓަށް އިތުރުވެފަ އެވެ.

ގެސްޓްހައުސްތަކުގެ އޮކިޕެންސީ އިތުރުވެފައިވާ އިރު، ރިސޯޓްތަކުގެ އޮކިޕެންސީ ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 4.8 ޕަސެންޓް ދަށްވެފަ އެވެ. ޓޫރިސްޓް ހޮޓާތަކުގެ އޮކިއުޕެންސީ 1.9 ޕަސެންޓް ދަށްވެފައިވާ އިރު ސަފާރީ ޔޮޓްތަކުގެ އޮކިއުޕެންސީ ވަނީ 0.4 ޕަސެންޓް އިތުރުވެފަ އެވެ.

ޖެނުއަރީގައި ޓޫރިސްޓުން އައި ގައުމުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަށް އައިސްފައި ވަނީ ޗައިނާއިންނެވެ. އެގޮތުން އެ ގައުމުން 20469 ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވެ އެވެ.

ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައިސްފައި ވަނީ އިޓަލީ އިންނެވެ. އެގޮތުން އިޓަލީގެ 8039 ޓޫރިސްޓުން އައި އިރު، ޔޫކޭ، ސްވިޒަލޭންޑް އަދި ރަޝިއާ ފަދަ ގައުމުތަކުން ވެސް ވަނީ ގިނަ އަދަދެއްގެ ޓޫރިސްޓުން އައިސްފަ އެވެ.

ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ 3.9 ޕަސެންޓް އިތުރުވެފައިވާ އިރު، ރާއްޖޭގެ އެކި ރަށްރަށުގައި ޖުމްލަ 323 ގެސްޓްހައުސް 4000 އަށް ވުރެ ގިނަ އެނދާ އެކު އަންނަނީ ހިންގަމުންނެވެ.