05 Mar 2016, 11:34
ލިބޭ އުފާވެރިކަމެއްގެ ސަބަބުން މާ ބޮޑަށް އުފާވުމުން ވެސް ހިތުގެ ބައްޔަށް މަގުފަހިވެދާނެ ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.
މީގެ ކުރިން މުޅިން ވެސް އަޑުއިވެނީ މޭގައި ރިއްސުމާއި ނޭވާލާން އުނދަގޫވެ ހިތުގެ ބައްޔަށް މަގުފަހިވަނީ މާބޮޑަށް ރުޅިއައުމުން ނުވަތަ ދެރަވުމުގެ އިތުރުން ބިރުގަތުމުގެ ސަބަބުން ކަމަށް ސްވިސް ދިރާސާއަކުން ވަނީ ދައްކާފަ އެވެ.
ނަމަވެސް މިފަހަރު މިދެކެވެނީ ތަފާތު ވާހަކަ އެކެވެ. ޔުނިވާސިޓީ ހޮސްޕިޓަލް ޒުރިޗް އިން ހެދި ދިރާސާއަކުން ދައްކާ ގޮތުން ހިތުގެ ބައްޔަށް މަގުފައިވުމުގައި މާބޮޑަށް އުފާވުން ބޮޑު ދައުރެއް އަދާކުރެ އެވެ. އެދިރާސާގައި ބުނާގޮތުން އެމީހުން ދިރާސާ ކުރި މީހުންގެ ތެރެއިން 20 މީހަކު ހިތުގެ ބަލިޖެހިފައި ވަނީ މާބޮޑަށް އުފާވުމުންނެވެ.
ޖުމްލަ 1750 މީހުންގެ މެދުގައި ހެދި އެ ދިރާސާ އިން އާންމުކޮށް އުފާވެގެން ހިތުގެ ބައްޔަށް މަގުފައިވެފައިވަނީ އުފަން ދުވަހުގެ ޕާޓީގެ ސަބަބުން ދަރިފުޅުގެ ކައިވެނީގެ ސަބަބުން 50 އަހަރަށް ފަހު ރަހުމަތްތެރިޔަކާއި ދިމާވުމުންނާއި މާމައަކަށްވުން ފަދަ އުފާވެރި ކަންކަމުގެ ސަބަބުންނެވެ. މީގެތެރެއިން ވެސް އުފަލުގެ ސަބަބުން ހިތުގެ ބަލިޖެހިފައި ވާނީ ގިނަ އަންހެނުންނަށް ކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.
ދިރާސާ ހެދުމުގައި ހަރަކާތްތެރިވި ޑޮކްޓަރެއް ކަމަށްވާ ޖެލީނާ ގާދްރީ ވިދާޅުވެފައި ވަނީ ހިތުގެ ބައްޔަށް މަގުފަހިވަނީ ހަމަ އެކަނި ހިތް ހަލާކުވާ ޒާތުގެ ކަމެއް ދިމާވެގެން ނޫންކަން މިދިރާސާ އިން އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި އުފާވެރިކަމެއްގެ ސަބަބުން ހިތުގެ ބަލި ޖެހުމަކީ އެކަށީގެންވާ ކަމެއްކަން ވެސް އެނގިގެން ހިގައްޖެ ކަމަށް ޑރ. ޖެލީނާ ވިދާޅުވި އެވެ.
މީގެ އިތުރު ދިރާސާތަކެއް ހަދައި އިތުރަށް ހިތުގެ ބަލިތަކަށް މަގުފަހިވާ ކަންކަން ހޯދަން ޖެހޭކަމަށް ޑރ. ޖެލީނާ ވަނީ ވިދާޅުވެފަ އެވެ.
މައުލޫމާތު: ބީބީސީ