05 Mar 2016, 11:39
މެޑްރިޑް (މާޗް 5): ސްޕެއިންގެ ވިޔަފާރި ވިއުގައަކުން އައިއެސްއަށާއި އަލްނުސްރާއަށް ފޮނުވަން މަސައްކަތް ކުރި 20،000 އަށް ވުރެ ގިނަ ޔުނިފޯމު އެގައުމުގެ ފުލުހުން އަތުލައިގަނެފި އެވެ.
ސްޕެއިންގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އެގައުމުގެ ސިއްރު ވިއުގައަކުން އިރާގާއި ސީރިއާގައި ތިބޭ ހަނގުރާމަވެރިންނަށް ފޮނުވަން މަސައްކަތް ކުރި ޕެކޭޖްތަކުގައި "އަސްކަރިއްޔާއަކަށް ފުދޭ ވަރަށް" ޔުނިފޯމް ހުއްޓެވެ.
ސްޓަމްސް އިން އެޕެކޭޖްތަކަށް ފޮނުވި އިރު އޭގައި ވަނީ "ބޭނުންކޮށްފައި ހުރި ހެދުން ކަމަށް" ޖަހާފައި ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ކަސްޓަމްސްގެ އޮފިޝަލުންނަށް ޝައްކު ނުވާނެ ގޮތަށް ޔުނިފޯމްތައް ވަނީ އެހެނިހެން ހެދުމާ އެއްކޮށްފައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އެޔުނިފޯމްތަކަކީ ސްޕެއިނަށް ނިސްބަތްވާ ޔުނިފޯމްތައް ނޫންކަމުން އެމައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ސްޕެއިންގެ ފުލުހުން އެޔުނިފޯމުތައް އަތުލައިގަނެފައިވަނީ ހަނގުރާމަވެރި ޖަމާއަތްތަކަށް އަސްކަރީ އާލާތްތައް ފޮނުވުމުގައި ސްޕްއިންގައި "ވަރަށް ހަރަކާތްތެރި ވިޔަފާރި ވިއުގަ"އެއް ނައްތާލުމަށް ފުލުހުން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ތެރެއިން ކަމަށް އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.
ސްފެއިންގެ އިންޓީރިއާ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުން ފެށިގެން އެގައުމުން ވަނީ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން ހުރި 83 މީހަކު ހައްޔަރުކޮށްފަ އެވެ. (ސީއެންއެން)