އދ. މަޖިލިސް (މާޗް 5) : އެފްރިކާގެ ދެކުނުގެ ހަ ގައުމެއްގައި 16 މިލިޔަން މީހުން ހައިހޫނުކަމުގެ ބިރާ ކުރިމަތިލާންޖެހިފައިވާކަމަށް އދ. ން ކުރިޔަށްގެންދާ ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެފި އެވެ.

އެޕްރޮގްރާމުން ނެރުނު ބަޔާނެއްގައި އެފްރިކާގެ ދެކުނުގެ ގައުމުތައް ކަމަށާއި ބޮޓްސުވާނާ، މޮޒަމްބީކް، ލިސޫޓޫ، ނެމީބިޔާ، ސުވާޒިލޭންޑް އަދި ޒިންބާބުވޭގެ ބޮޑުބަޔަކަށް ހަނަފަސްކަން ވެރިވެފައިވުމުގެ ސަބަބުން ދަނޑުތަކާއި ދަނޑުބިންތައް ހަލާކުވެ ގެރިބަކަރި މަރުވުމުގެ ސަބަބުން 16 މިލިޔަން މީހުން ހައިހޫނުކަމުގެ ބިރާ ކުރިމަތިލާންޖެހިފައިވާކަމަށް ބުނެފައިވެ އެވެ. މިގައުމުތަކަށް ހަނަފަސްކަނ ކުރިމަތިވީ އެލްނީނޯގެ ސަބަބުން ކަމަށާއި މި ގައުމުތަކުގެ އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތައަކީ އަމިއްލަ މަސައްކަތުން ދަނޑު ހައްދައިގެން ކައިބޮއި އުޅޭ ބައެއްކަންވެސް މި ރިޕޯޓްގައިވެ އެވެ.

އެފްރިކާގެ ދެކުނުގެ ގައުމުތަކުގެ ތެރޭން އެންމެ ބޮޑަށް ކުރިއަރާފައިވާ ގައުމަކީ ދެކުނުއެފްރިކާއެވެ. ދެކުނު އެފްރިކާއަކީ އެސަރަހައްދުގެ ހުރިހާ ގައުމަކަށް ކާންދެވޭވަރުގެ ވަރުގަދަ ކާބޯތަކެތީގެ ސިނާއަތާއި ދަނޑުވެރިކަމުގެ ޒަމާނީ ނިޒާމެއް އޮންނަ ގައުމެކެވެ. ނަމަވެސް ދެކުނު އެފްރިކާގެ ބޮޑުބައަކަށްވެސް އެލްނީނޯގެ އަސަރުކުރުމުން އެގައުމަށް ވަނީ ފަހުގެ ތާރީޚެއްގައި ކުރިމަތިނުވާ ފަދަ ހަނަފަސްކަމެއް އައިސްފަ އެވެ. ވޯލްޑް ފުޑް ޕްރޮގްރާމުން ވަނީ މި 16 މިލިޔަން މީހުންނަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް ޓަކައި ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ދުނިޔޭގެ މުއްސަނދި ގައުމުތަކަށް އިލްތިމާސްކޮށްފަ އެވެ.

އަދި މިހާރު ކުރިމަތިވެފައިވާ ހަނަފަސްކަން އިތުރު އަހަރަކަށް ދިގުލައިގެން ހިނގައްޖެ ނަމަ އެގައުމުތަކުގައި ހައިހޫނުކަމުގެ ބިރާ ކުރިމަތިލާން ޖެހޭ މީހުންގެ އަދަދު 50 މިލިޔަނަށް އަރާނެކަމަށް ވެސް އެ ޕްރޮގްރާމުން އަންދާޒާ ކުރެއެވެ. (ރޮއިޓާސް)