05 Mar 2016, 10:53
ފާއިތުވި ޑިސެމްބަރު މަހު ސަރުކާރަށް ލިބުނު އާމްދަނީ ދަށްވެ، ޖަނަވަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ވެސް ދަށަށް ހިނގައްޖެ އެވެ.
އެމްއެމްއޭ އިން ބުރާސްފަތި ދުވަހު ނެރުނު ފެބުރުއަރީ މަހުގެ އިގްތިޞާދީ ރިވިއު އިން ދައްކާ ގޮތުން، ފާއިތުވި ޖަނަވަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 591.9 މިލިއަން ޔޫއެސް ޑޮލަރެވެ.
އެއީ 2015 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާ އިރު ހަތަރު ޕަސެންޓު ދަށް އަދި ފާއިތުވި ޑިސެންބަރު މަހާ އަޅާބަލާއިރު ފަސް ޕަސެންޓު ދަށް އަދަދެކެވެ.
ޖަނަވަރީ މަސް ނިމުނުއިރު ރަސްމީ ރިޒަރވްގެ ތެރެއިން ޔޫޒަބަލް ރިޒާވް ވަނީ މަހުން މަހަށް ބަލާއިރު ދެ ޕަސެންޓު އިތުރުވެފަ އެވެ. އެގޮތުން މަސް ނިމުނު އިރު ޔޫޒަބަލް ރިޒާވްގެ ގޮތުގައި 197.2 މިލިއަން ޔޫއެސް ޑޮލަރު ހުރި ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އެއީ އަހަރުން އަހަރަށް ބަލާ އިރު މިއީ 32 ޕަސެންޓް އިތުރު އަދަދެކެވެ.
ސަރުކާރުގެ ހަރަދާއި އާމްދަނީއާ ގުޅޭ ހިސާބުތަކަށް ބަލާ އިރު، ހިލޭ އެހީ ނުހިމަނައި 2015 ވަނަ އަހަރުގެ ޑިސެންބަރު މަހު ސަރުކާރަށް ވަނީ 1.3 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފަ އެވެ. އެއީ 2014 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާ އިރު 125.9 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
އެމްއެމްއޭ އިން ބުނީ ސަރުކާރުގެ އާމްދަނީ ދަށްވުމުގު ސަބަބަކީ ޓެކްސް ގޮތުގައި ލިބުނު އާމްދަނީ ދަށްވުން ކަމަށެވެ.
އެގޮތުން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން ޓޫރިޒަމް ދާއިރާގެ މުދަލުންނާއި ހިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އަދި ވިޔަފާރި މުދަލުންނާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) އިން ލިބުނު އާމްދަނީ ދަށްވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އެހެން ނަމަވެސް ރިސޯޓު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން އެ މުއްދަތުގެ ތެރޭގައި ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.
ސަރުކާރުގެ ހަރަދުތަކަށް ބަލާ އިރު، 2015 ވަނަ އަހަރުގެ ޑިސެންބަރު ސަރުކާރުގެ ޖުމްލަ ހަރަދަކީ ދެ ބިލިއަން ރުފިޔާ އެވެ. އެއީ 2014 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާ އިރު 1.1 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހު ހަރަދުތައް އިތުރުވެފައި ވަނީ ސަރުކާރުގެ ރިކަރަންޓް އަދި ކެޕިޓަލް ހަރަދު އިތުރުވުމާ ގުޅިގެން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.