އަންނަ އެޕްރީލް މަހު ފަސް ވަނަ ދުވަހު ސްކްރީންތަކުގައި އެޅުވުމަށް ހަމަޖެހިފައިވާ ފިލްމު" ވާށޭ މަށާ އެކީ"ގެ ފުރަތަމަ ހަތަރު ޝޯވްގެ ޓިކެޓު އޮންލައިންކޮށް ބުކް ކޮށްދޭން ފަށައިފި އެވެ.

ޑާކު ރެއިން އެންޓަޓައިންމެންޓުން އުފައްދާފައިވާ އެ ފިލްމާ ގުޅޭ ގޮތުން "ސަން" އާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، "ވާށޭ މަށާއެކީ" އަށް އޮންލައިންކޮށް ޓިކެޓު ބުކް ކުރެވޭނީ އެ ފިލްމުގެ ފުރަތަމަ ހަތަރު ޝޯވް އަށް އެކަނި ކަމަށެވެ.

"ފަހެއް، ހައެއް، ހަތެއް އަދި އަށް ވަނަ ދުވަހުގެ ރޭ އޮންނަ ޝޯވްތަކަށް އެކަނި އޮންލައިންކޮށް ބުކް ކުރެވޭނީ،" މޮގާ ބުންޏެވެ.

އޭނާ ބުނީ، އޮންލައިންކޮށް ޓިކެޓު ބުކް ކުރުމަށް "ވާށޭ މަށާއެކީ"ގެ ފޭސްބުކް ޕޭޖަށް ނަމާއި، ގުޅޭނެ ނަމްބަރު އަދި ޓިކެޓު ބޭނުންވާ ޝޯވްގެ އިތުރުން ޓިކެޓު ބޭނުންވާ އަދަދު ވެސް މެސެޖު ކުރެވޭނެ ކަމަށެވެ.

"ފިލްމުގެ ޓިކެޓު، ވިއްކަން ވަންނަން ދެން އޮންލައިންކޮށް ބުކް ކުރެވޭނެ. ފިލްމުގެ ޓިކެޓު ވިއްކަން ފަށާނީ މި މަހުގެ މެދެއްހާ ހިސާބުގައި." މޮގާ ބުންޏެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި ވިދަމުން އަންނަ ދެ ތަރިން ކަމަށްވާ މުހައްމަދު ޖުމައްޔިލް އާއި މަރިޔަމް މަޖުދާ ފެނިގެންދާ އެ ފިލްމުގެ ފުރަތަމަ ޝޯވް އިން ހިލޭ "ދެ" ޓިކެޓު ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

"ވާށޭ މަށާއެކީ" ގެ 14 ޕޯސްޓަރު --- ފޮޓޯ:ފޭސްބުކް

އެގޮތުން ހިލޭ ޓިކެޓު ހޯދުމަށް "ވާށޭ މަށާއެކީ"ގެ ފޭސްބުކް ޕޭޖުގައި އިން ފިލްމުގެ ޕޯސްޓަރުތަކުގެ ތެރެއިން އެންމެ ކަމުދާ ޕޯސްޓަރެއްގެ ނަމްބަރު ކޮމެންޓު ކުރަން ޖެހެ އެވެ.

މުހައްމަދު އަލީ އާއި އައިޝަތު ފުއާދު ތައުފީޤު ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި ޖުމައްޔިލް އާއި މަޖޫގެ އިތުރުން މުހައްމަދު ފައިސަލް އާއި އާމިނަތު ނޫރާ، އަލީ ޝަޒްލީމު، ހަމްދާން ފާރޫގު ފަދަ ތަރިން ފެނިގެންދާނެ އެވެ.