05 Mar 2016, 10:56
ގިނަ މީހުންނަކީ އަހަރެއްގެ ތެރޭގައި އުޒުރަކާ ނުލައި ނަމަވެސް ކޮންމެ ވެސް އެއް ދުވަހެއްގައި ނުވަތަ އެއަށްވުރެ ގިނަ ދުވަހުވެސް އޮފީހަށް ސަލާމް ބުނެ ނުވަތަ ކޮލެޖަށް ނުގޮސް ތިބޭ މީހުންނެވެ.
ނަމަވެސް އިންޑިއާގެ ކޮލްކަޓާގެ ސްކޫލެއްގައި ކިޔަވަމުންދާ ދަރިވަރަކު ސްކޫލުގައި ހޭދަކުރި 14 އަހަރުގެ ތެރޭގައި އެއްވެސް ދުވަހެއް ވައްޓާނުލައި ކޮންމެ ދުވަހަކުވެސް ސްކޫލަށް ގޮސްފައިވާ ހަބަރަކީ ތަފާތު ހަބަރަކަށް ވެދާނެ އެވެ.
ކޮލްކަޓާގައި ހުންނަ އޮކްޒިލިއަމް ކޮންވެންޓް ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުންދާ ޗާންދުރާޖާ ގުއާ ނަމަކަށް ކިޔާ އެ ދަރިވަރު ވަނީ ނާސަރީން ފެށިގެން މިއަދާ ހަމައަށް، އެންމެ ދުވަހެއް ވެސް ވައްޓާނުލައި ސްކޫލަށް ހާޒިރުވެފައެވެ. އަދި އޭނާގެ އެޓެންޑެންސް ޝީޓުގައި ނާންނަ ދުވަހެއްގެ ގޮތުގައި އެންމެ ދުވަހެއް ވެސް ފާހަގަކޮށްފައެއް ނުވެއެވެ.
"ޗާންދުރާޖާ ވަނީ ވަރަށް ރަނގަޅު ނަމޫނާއެއް ދައްކާފަ. އެކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ހިތްވަރު ލިބިގެންދާނެ،" ދަމް ދަމް ކިޝޯރް ބަރާތީ ސްކޫލުގެ ޕްރިންސިޕަލް ނިތުޔާ ރަންޖަން ބަގްޗީ ވިދާޅުވެފައިވެ އެވެ.
ޗާންދުރާޖާގެ އެ ކާމިޔާބީގެ ވާހަކަތައް މީޑިއާގައި ފެންމަތިވެ، ބެންގާލްގެ އެޑިއުކޭޝަން މިނިސްޓަރު ވެސް ވަނީ އޭނާއާ ބައްދަލުކޮށް، ސަރުކާރުން އޭނާގެ މުސްތަގްބަލަށްޓަކައި އެހީތެރިވާނެ ކަމަށް ވިދާޅުވެފައެވެ.
ސްކޫލަށް ބަރާބަރަށް ދިއުމުގެ އިތުރުން ޗާންދުރާޖާ އަކީ ކިޔެވުމަށް ވެސް މޮޅު ދަރިވަރެކެވެ. ސްކޫލުގައި "އޭ" ގްރޭޑް ދަރިވަރެއްގެ ގޮތުގައި ފާހަގަކުރެވޭ ޗާންދުރާޖާގެ ތައުލީމީ ކެރިއަރުގައި އެންމެ ފަހަރަކުވެސް 90 ޕަސެންޓަށްވުރެ ދަށް މާކުހެއް ހޯދާފައެއް ނުވެއެވެ.
"ޗާންދުރާޖާ އޭނާގެ ސްކޫލު ދެކެ ވަރަށް ލޯބިވޭ. އެކަމުގެ ސަބަބުން އޭނާ ވަނީ 100 ޕަސެންޓް އެޓެންޑެންސް ރިކޯޑް ހާސިލްކޮށްފަ. އެހެން ދަރިވަރުން ވެސް އޭނާގެ ފަރާތުން ކަންތައް ދަސްކުރަންޖެހޭ،" ޗާންދުރާޖާގެ ސްކޫލް މުދައްރިއްސަކު ބުނެފައިވެ އެވެ.
މައުލޫމާތު: ޓައިމްސް އޮފް އިންޑިއާ، އިންޑިއާ ޓުޑޭ