އެހެން އަހަރުތަކުގެ ފުރަތަމަ ދެ މަހާ އަޅާ ބަލާއިރު، މި އަހަރުގެ ފުރަތަމަ ދެމަހު ރާއްޖެ އަށް ރެކޯޑް އަދަދަކަށް ކްރޫޒް ލައިނާތައް ބަނދަރުކޮށްފި އެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް މާލެއަށް ވަނީ ހަ ކްރޫޒް ލައިނާއެއް އައިސްފަ އެވެ. އެ ހުރިހާ ކްރޫޒް ލައިނާތަކަކީ ވެސް މަތީފަންތީގެ ޓޫރިސްޓުންނަށް ހިދުމަތްދޭ ލަގްޒަރީ ލެވެލްގެ ކްރޫޒް ލައިނާތަކެވެ.

"ކޮސްޓާ ނެއޯވިރާ" ގެ މަތީގައި ޑިޒައިން ކޮށްފައިވާ ޕޫލެއް ހިމެނޭ ސަރަހައްދު

މިއަދު ރާއްޖެ އަށް އައިސްފައި ވަނީ ފްރާންސުގެ އައިބެރޯ ކްރޫސަސް ކުންފުނީގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުން އަންނަ "ކޮސްޓާ ނެއޯވިރާ" ނަމަކަށް ކިޔާ ލަގްޒަރީ ކްރޫޒް ލައިނާއެކެވެ.

މިހާރު ވެސް ޖުމްލަ ހަ ކްރޫޒް ލައިނާއެއް އޮޕަރޭޓްކުރާ އައިބެރޯ ކްރޫސަސްގެ ދަށުން 2006 ވަނަ އަހަރުން ފެށިގެން އޮޕަރޭޓް ކުރަމުން އަންނަ އެ ކްރޫޒް ލައިނާ އަކީ އެއްފަހަރާ ގާތްގަނޑަކަށް 1700 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލުމުގެ ގާބިލުކަން ލިބިފައިވާ ކްރޫޒް ލައިނާއެކެވެ. އެ ކްރޫޒް އިން މިއަދު 1000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.

މިއަދު އައި ކްރޫޒް ލައިނާގެ އުޅަނދަކުން މާލެއަށް ޓޫރިސްޓުން ފައިބަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ކްރޫޒް ލައިނާގައި 670 ފަޅުވެރިން ހަރާކާތްތެރިވާ އިރު އެ އުޅަނދުގައި އެންމެ ޒަމާނީ ރިސޯޓަކުން ލިބޭ ހުރިހާ ހިދުމަތެއް ޓޫރިސްޓުންނަށް ފޯރުކޮށްދެ އެވެ. އުޅަނދުގެ ދިގުމިނުގައި 709 ފޫޓު ހުންނަ އިރު 48،200 ޓަނުގެ އެ އުޅަނދަކީ ކްރޫޒްލައިނާ ލައިވް އެކްސްޕީރިއަންސް ކުރާ ޓޫރިސްޓްގެ މެދުގައި މަގުބޫލު އުޅަނދެއްކަން ފާހަގަކޮށްލެވެ އެވެ.

މިއަހަރު ރާއްޖެ އަށް އައި ކްރޫޒް ލައިނާތަކަށް ބަލާ އިރު، އެމެރިކާގެ ލަގްޒަރީ ދެ އުޅަނދެއް ފާހަގަކޮށްލެވެ އެވެ. "ރިޖެންޓް ސެވަން ސީސް" އަދި "އޯޝެނިއާ ކްރޫސަސް" ގެ ދަށުން އޮޕަރޭޓް ކުރަމުން އައި އެ ދެ އުޅަނދުން މާލެއަށް ވަނީ ގާތްގަނޑަކަށް 5000 ޓޫރިސްޓުން ފައިބާފަ އެވެ.

މީގެކުރިން އައި ކްރޫޒް ލައިނާ އެއް ----- ސަން ފައިލް ފޮޓޯ

ކްރޫޒްލައިނާތައް ރާއްޖެ އަށް އައުމުން ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަދި އާންމުންނަށް ގިނަ ފައިދާތަކެއް ލިބެ އެވެ. އެގޮތުން ސުވެނިއާ ޝޮޕްތަކުން އެމީހުން ގިނަ އަދަދަކަށް ވިޔަފާރި ކުރާއިރު މާލެއަށް ފައިބާ ޓޫރިސްޓުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ދަތުރުވެރިންގެ މާރުކާޓުން ވެސް ވިޔަފާރި ކުރަމުންނެވެ.