05 Mar 2016, 09:56
އިސްލާމްއާބާދު (މާޗް 5):ޕާކިސްތާނުގެ އަވަށެއްގެ އިސް ވެރިންގެ އަމުރަށް ކައިވެނި ކުރުވަން އުޅުނު 10 އަހަރުގެ އަންހެން ކުއްޖަކާއި 14 އަހަރުގެ ފިރިހެން ކުއްޖެއްގެ ކައިވެނި އެގައުމުގެ ފުލުހުން ހުއްޓުވައިފި އެވެ.
ދިހަ އަހަރުގެ ކުޑަކުއްޖާ ކައިވެނި ކުރުވަން ޕަންޖާބު ޕްރޮވިންސުގައި އޮންނަ ރަހިމްޔާރު ހާން ޑިސްޓްރިކްޓުގެ ވެރިން ނިންމީ އެކުއްޖާގެ ބޭބެ ކުރި ކުށެއްގެ ބަދަލުގެ ގޮތުންނެވެ. އެކުއްޖާގެ ބޭބެ ވަނީ އޭނާގެ އަނބިމީހާ އެހެން ފިރިހެނަކާ ގުޅުން ބޭއްވި ކަމަށް ތުހުމަތުކޮށް، އަނބިމީހާ މަރާލާފަ އެވެ. އޭނާ މިހާރު ހުރީ ޖަލުގަ އެވެ.
ކައިވެނި ހުއްޓުވާލުމަށް ފަހު ފުލުހުން ވަނީ ކައިވެނި ކުރުވަން މަސައްކަތް ކުރި ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު 20 މީހަކު ހޯދަމުންދާ ކަމަށް ފުލުސް އޮފިސަރެއް ކަމަށްވާ ޗޯދްރީ ޔާސިން ވިދާޅުވި އެވެ.
އާއިލާގެ މެމްބަރަކު ކުރި ކުށެއްގެ ސަބަބުން އެ އާއިލާގެ އަންހެނަކު، ކުށުގެ ސަބަބުން ގެއްލުންވި އާއިލާގެ މެމްބަރަކާ ކައިވެނި ކުރުވުމަކީ ޕާކިސްތާނުގައި މަނާކަމެކެވެ. ނަމަވެސް، އެ ސަގާފަތަކީ މިހާރުވެސް އެގައުމުގައި އާއްމު ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުންޏެވެ. (ބީބީސީ)