05 Mar 2016, 09:48
އަަހަރުން އަހަރަށް ބަލާއިރު 2016 ވަނަ އަހަރުގެ ޖަނަވަރީ މަހު މާލޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް މަތިވި މިންވަރު ނުވަތަ އިންފްލޭޝަން ރޭޓް 1.4 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭއިން އާއްމުކުރި ފެބްރުއަރީމަހުގެ އިގްތިސާދީ ރިވިއު ރިޕޯޓްގައި ވަނީ ޖަނަވަރީ މަހު އިންފްލޭޝަން ރޭޓު މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ ގޭގައި ހިފައިގެންގުޅޭ ތަކެތި އަދި ތައުލީމީ ދާއިރާގެ އަގުތައް މައްޗަށް ދިއުން ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހު އިންފްލޭޝަން ރޭޓް ހުރީ 1.2 ޕަސެންޓުގަ އެވެ.
އެމްއެމްއޭ އިން ބުނީ މަހުން މަހަށް ބަލާއިރު، ފާއިތުވި ޖަނަވަރީ މަހު މާލޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް ކުޑަކޮށް މައްޗަށް ގޮސްފައިވާ ކަމަށެވެ.
އެގޮތުން 2015 ވަނަ އަހަރުގެ ޑިސެންބަރު މަހު ތަކެއްޗާއި ހިދުމަތުގެ އަގުތައް 0.5 ޕަސެންޓު ދަށަށް ދިއުމަށްފަހު ފާއިތުވި ޖަނަވަރީ މަހު 0.1 ޕަސެންޓު އަގުތައް މައްޗަށް ގޮސްފައިވާ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެ އެވެ.