ބެލްޖިއަމަށް ކުރެއްވި ރަސްމީ ދަތުުރުފުޅަށް ފަހު ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓަރު ދުންޔާ އާއި އެޓާނީ ޖެނެރަލް މުޙައްމަދު އަނިލް ބެލްޖިއަމަށް ވަޑައިގަތީ މި މަހުގެ ދެވަނަ ދުވަހު އެވެ.

ދެ ބޭފުޅުންގެ ދަތުރުފުޅުގައި ޔޫރަޕިއަން ޕާލަމެންޓުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ތިއްބަވާ ވަފުދުގެ ރައީސް ޖީން ލަމްބާޓާއި ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ މައުލޫމާތު ވަނީ ހިއްސާކުރައްވާފަ އެވެ.

އޭގެ އިތުރުން ރައީސް އަބްދުﷲ ޔާމީނު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ބެހޭ މައުލޫމާތު ވެސް އެދެބޭފުޅުން ލަމްބާޓަށް ދެއްވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ މުއައްސަސާތައް ހަރުދަނާ ކުރުމަށާއި ސުލްހައާއި ހަމަޖެހުން ގާއިމްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތާ ބެހޭ މައުލޫމާތުވެސް ލަމްބާޓަށް ދެއްވި ކަމަށެވެ.

މިނިސްޓަރު ދުންޔާ ބެލްޖިއަމަށް ވަޑައިގަތީ ސްވިޒަލޭންޑްގެ ޖެނީވާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ.

ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގައި ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޒައިދު ރައަދު އަލް ޙުސައިން އާ ބައްދަލުކުރެއްވި އެވެ. އަދި ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ ސެޝަންގައި އެކަމަނާ ވަނީ ތަގުރީރު ކުރައްވާފައެވެ.