ޕަބްލިކް ސާވިސް މީޑިއާގެ ޓީވީއެމް އިން މިހާރު ކުރިއަށްގެންދާ މޯލްޑިވިއަން އައިޑަލް އަކީ ހުނަރުވެރި ލަވަކިޔުންތެރިން ތަކެއް ފެނިގެންދާ ޝޯވް އެކެވެ. ވާދަ ވެރި އެ ޝޯވްގެ ކޮންމެ އެޕިސޯޑަކުންވެސް ތަފާތު ހުށައެޅުންތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައި ވެއެވެ.

އެގޮތުން 11 ބައިވެރިންނާއެކު "ގޯލްޑެން އީރާ" ތީމްގެ ދަށުން ރޭ ކުރިއަށް ގެންދިޔަ އެޕިސޯޑުންވެސް ފެނިގެން ދިޔައީ ވަރަށް ތަފާތު ހުށަހެޅުން ތަކެކެވެ. ސްޓޭޖުމަތިން ފެނިގެން ދިޔައީ 1970 ކުލަވަރެވެ.

މޯލްޑިވިއަން އައިޑަލްގެ ބައިވެރިއެއް --- ފޮޓޯ: ޕީއެސްއެމް

ރޭގެ އެޕިސޯޑުގައި ބައިވެރިން ވަނީ 1970 އަހަރުތަކުގެ ލަވަ ތަކެއް ހުށަހަޅައި ދީފައެވެ. ހުށަހެޅުންތަކާއެކު، ބައިވެރިންގެ ކޮސްޓިއުމްވެސް ހުރީ އެ އަހަރުތަކުގެ ފެޝަނަށް ފައްތާފައެވެ.

މުބާރާތުގައި ވާދަ ކުރާ 11 ލަވަކިޔުންތެރިންގެ ތެރެއިން އަށް ބައިވެރިއަކު ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނައިފަރު ދޮހޮއްކޮގެ ލަވަތައް ހުށަހަޅައިދިން އިރު، އަނެއް ތިން ބައިވެރިން ހުށަހަޅައި ދިނީ ޖަމީލާ ހަސަން، އަބްދުއް ރައޫފު އަދި ހުސައިން ޝިހާބުގެ މަޝްހޫރު ލަވަތަކެވެ.

ރޭގެ ޝޯވްއަށް ބަލާލާއިރު، ޖަޖުންނަށް އެންމެ ކަމުދިޔަ ކަމަށް ބެލެވޭ ނުވަތަ އެންމެ "ޕޮޒިޓިވް" ކޮމެންޓު ލިބުނު ލަވަކިޔުންތެރިންނަކީ މުހައްމަދު ޒަލީފު އަބްދުﷲ، ލައިޝާ ޖުނައިދު، މުހައްމަދު މުއައްޒިން ނައީމް، ޝަލަބީ އިބްރާހިމް އަދި އަބްދުﷲ ފާލިހުގެ ހުށަހެޅުމެވެ.

ބެލުންތެރިންގެ 50 ޕަސެންޓު ވޯޓު، އަދި ޖަޖުންގެ 50 ޕަސެންޓު މާކްސް އާ އެކު ކުރިއަށްދާ މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވް އިންވެސް ކޮންމެ ވެސް އެއް ބައިވެރިއަކު ވަކިވާނެ އެވެ.

ބެލުންތެރިންނަށް އެންމެ ކަމުދާ ލަވަކިޔުންތެރިއަކަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު މިއަދު ހަވީރު 04:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.