އެފްއޭއެމްގެ އާ އަސާސީ ޤަވާއިދު ފާސް ކުރުމަށް އަންނަ އާދިއްތަ ދުވަހު ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުން ވޯޓު ލާނެ ފަސް ކުލަބު ހޮވައިފިއެވެ.

ކޮންގްރެސްގައި ވޯޓް ލުމަށް ބޭނުންވާ ދެވަނަ އަދި ތިން ވަނަ ޑިވިޝަނުގެ ކުލަބުތައް ހޮވީ އެކަމަށް އެދި އެފްއޭއެމްއިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ކުލަބުތަކުގެ މެދުގައި ބޭއްވި ޕްރައިމަރީގައެވެ.

އެފްއޭއެމް ހައުސްގެ ސެމިނާ ރޫމްގައި މިރޭ ބޭއްވި ޕްރައިމަރީ އަށް ފަހު ދެ ވަނަ ޑިވިޝަނުން ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީ ކްލަބް ޒެފްރޯލާއި ސްޕޯޓްސް ކްލަބް ޕީކޭ އަދި ޖޭޖޭ ސްޕޯޓްސް އެވެ. އެ ޕްރައިމަރީގައި ދެން ބައިވެރިވީ ސްޕޯޓްސް ކްލަބް މެކާނޯ އާއި ވިޔަންސާ އެވެ.

ކޮންގްރެސްގައި ވޯޓް ލުމުގެ ފުރުސަތު ތިން ވަނަ ޑިވިޝަނުގެ ދެ ކްލަބަކަށް ލިބުނު އިރު އެ ފުރުސަތު ލިބުނީ އޮފުއެފްސީ އާއި ކުޑަހެންވޭރަށެވެ. އެ ޕްރައިމަރީގައި ތިން ވަނަ ޑިވިޝަނުން ދެން ބައިވެރިވީ ރެޑްލައިން ކްލަބާއި ޖަމިއްޔަތުލް ޝަބާބެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ދަށުން އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓް ލުމުގެ ހައްގު ޖުމްލަ 13 ކްލަބަކަށް އޮންނައިރު ދެވަނަ ޑިވިޝަނުގެ ތިން ކުލަބާއި ތިން ވަނަ ޑިވިޝަނުގެ ދެ ކުލަބުގެ އިތުރުން ދެން އެ ފުރުސަތު ލިބެނީ އެއްވަނަ ޑިވިޝަނުގެ އަށް ކުލަބަށެވެ. އެއީ ނިއު ރޭޑިއަންޓާއި ވިކްޓަރީ އާއި ވެލެންސިއާ އާއި މާޒިޔާ އާއި ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް އަދި ޔުނައިޓެޑް ވިކްޓަރީ އެވެ.

މިއީ އެފްއޭއެމްގެ އަސާސީ ޤަވާއިދު ފާސް ކުރުމަށް އެފްއޭއެމްއިން ބާއްވާ ދެ ވަނަ ކޮންގްރެސްއެވެ. މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ބޭއްވި ކޮންގްރެސްގައި ފާސް ކުރި އާ އަސާސީ ޤަވާއިދު އަލުން ފާސް ކުރަނީ ރާއްޖޭގެ ޖަމްޢިއްޔާތަކާއި ބެހޭ ޤާނޫނާއި ޤަވައިދުގައިވާ ގޮތުން އަސާސީ ޤަވައިދުގައި ހިމެނެން ޖެހޭ ތިން މާއްދާއެއް ނެތުމުން ހޯމް މިނިސްޓރީ އާއި ބަންޑާރަނައިބު އޮފީހުގެ ލާފާގެ މަތިން އެ މާއްދާތައް ހިމެނުމަށްފަހު އެ މާއްދާތައް ފާސް ކުރުމަށެވެ.

އެފްއޭއެމްގެ ޖެނަރަލް ސެެކެޓްރީ ކުރިން ވިދާޅުވެފައިވަނީ އަސާސީ ޤަވާއިދުގައި ހިމެނުމަށް ހޯމް މިނިސްޓްރީއިން ލާފާ ދިފައިވަނީ ޖަމިއްޔާތަކާ ބެހޭ ގަވައިދުގެ 44 ވަނަ މާއްދާ އާއި 45 ވަނަ މާއްދާގައި ހިމެނޭ ކަންކަން އަސާސީ ގަވާއިދުގައި ހިމެނުމަށް ކަމަށެވެ.

ޖަމިއްޔާތަކާ ބެހޭ ގަވައިދުގެ 44 ވަނަ މާއްދާގައި ވަނީ ޖަމިއްޔާ އުވާލުމަށް ކަނޑައެޅުމަށް ޖަމިއްޔާއިން އަމަލު ކުރާނެ ގޮތްތަކާ ބެހޭގޮތުންނެވެ.އެ ގަވާއިދުގެ 45 ވަނަ މާއްދާގައި ވަނީ ޖަމިއްޔާ އުވާލަން ޖަމިއްޔާގެ ހިންގާ ކޮމިޓީން ފަސް ކުރުމަށްފަހު ޖަމިއްޔާގެ މުދަލާ މެދު އަމަލު ކުރަންޖެހޭ ގޮތް ތަކެވެ.

އެފްއޭއެމްގެ އިންތިހާބް ބޭއްވުމަށް ފީފާ އިން އެފްއޭއެމަށް ދީފައިވާ މުއްދަތު ހަމަވާނީ މާޗް މަހުގެ 31 ވަނަ ދުވަހަށެވެ.