ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްޚަ ނޫން ކޯޓު އަމުރެއް ނެރުމަށް ކުރީގެ ޕީޖީ މުހުތާޒު މުހުސިން އދ. މާމިގިއްޔަށް ދިޔަ މައްސަލާގައި ހައްޔަރު ކޮށްފައި ބެހެއްޓުމަށްފަހު ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މުހުތާޒުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލާގައި އެންމެ ފުރަތަމަ މުހުތާޒު ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބެލުމަށް ފަހު މުހުތާޒުގެ ބަންދަށް ފުރަތަމަ ވަނީ 15 ދުވަސް ޖަހާފަ އެވެ. އެއަށްފަހު އަނެއްކާ އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ. އެމުއްދަތު ހަމަވީ މިއަދަށެވެ.

މުހުތާޒު ބަނދުގެ އިސްތިއުނާފު މައްސަލަ ބެލުމަށްފަހު ހައިކޯޓުން ބުނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ވެރިކަން ވައްޓާލުމަށް ކޯޓު އަމުރު ހޯދުމަށް މިދިއަ މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހާކަންހާއިރު ލޯންޗެއްގައި މާލެއިން ފުރައިގެން މުހުތާޒު މާމިގިއްޔަށް ގޮސް އެރަށުގެ މެޖިސްޓްރޭޓަކާ ގުޅިގެން މާމިގިލި މެޖިސްޓްރޭޓް ކޯޓު ހުޅުވައިގެން ރައީސް ޔާމީން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް މުހުތާޒު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މުހުތާޒުގެ އިތުރުން ދެން އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް، ގއ. މާމެންދޫ، ވީނަސް އަހްމަދު ނިހާނެވެ. އޭނާގެ ބަންދަށް ހައިކޯޓުން ވަނީ ހަތް ދުވަސް އިތުރުކޮށްފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.