04 Mar 2016, 20:36
ބުރިޖުގެ މަސަތްކަތް ކުރިއަށްދާތީވެ ލޮނުޒިޔާރަތްކޮޅު ރާޅާއަޅާ ސަރަހައްދަށް މޫދަށް އެރުން ވަގުތީ ގޮތުން ބަންދުކޮށް ރާޅާއެޅުންތެރިންނަށް އެހެން ގޮތްތަކެއް ހަމަޖައްސައިދިނުމަށް ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އެކަން އަންގާ އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއް ގައި ބުނެފައިވަނީ މާލެއާއި ހުޅުމާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސަތްކަތް ކުރުމަށް އެ ސަރަހައްދު ކޮންޓްރެކްޓަރާ ހަވާލުކޮށް ހެންވޭރު ޕާކުގެ ދެކުނުކޮޅުން ފެށިގެން ލޮނުޒިޔާރަތްމަގާއި ހަމަޔަށް ވަގުތީ ގޮތުން ބަންދުކޮށް މާލެ އާއި ހުޅުމާލެއާ ދޭތެރޭ މޫދުގައި ވެސް މަސަތްކަތް ހިނގަމުންދާ ކަމަށެވެ.
އެހެން ކަމުން ލޮނުޒިޔާރަތްކޮޅު ރާޅާއަޅާ ސަރަޙައްދުގެ މޫދަށް އެރި އުޅުމަކީ ރައްކާތެރި ކަމެއްކަމުގައި ނުފެންނާތީވެ އާއި އެސަރަޙައްދަށް މޫދަށް އެރިއުޅުމުގެ ތެރޭގައި ލިބިދާނެ ބޮޑެތި ގެއްލުމަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ސަރަހައްދު އިއްޔެ އިން ފެށިގެން އެ މަޝްރޫއުގެ މަސައްކަތް ނިމެންދެން ބަންދު ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
ބުރިޖުގެ މަސަތްކަތައް ލޮނުޒިޔާރާތްކޮޅު ބަންދުކޮށްފައިވާއިރު ރާޅައަޅާ ޒުވާނުން އަންނަނީ އެ ސަރަހައްދުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން "ސޭވް ދަ ވޭވްސް"ގެ ނަމުގައި އެ ޒުވާނުންގެ ޝުއުރޫ ފާޅުކޮށް އަޑު އުފުލަމުންނެވެ. އަދި އެ އަޑުއުފުލުން ތަކުގެތެރޭން މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ރައީސް އަހްމަދު އަޒްމީލް (އަޖޭ) ވަނީ ފުލުހުންގެ ބަންދަށް ވެސް ގެންގޮސްފައެވެ.
އެކަމާގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވީ، ބްރިޖް މަޝްރޫޢާ ގުޅިގެން ރާޅާއަޅާކުދިންނަށް ދިމާވެދާނެ ދަތިތައް ހައްލުކޮށްދިނުމަށް، އެފަރާތަކާއެކު ހައުސިން މިނިސްޓްރީން މަޝްވަރާތަކެއްކޮށް އެކަންކަން ވަރަށް ގާތުން ބަލަމުންއަންނަ ކަމަށާއި މަޝްރޫއު ނިމެންދެން، މާލެއާ ދުރުނޫން އެހެން ސަރަހައްދަކުން އެކުދިންނަށް ރާޅާއެޅޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައި ދޭނެ ކަމަށެވެ.