އާސެނަލްގެ ކީޕަރު ޕީޓަރ ޗެކް އަށް އަނިޔާވެ އިނގިރޭސި ޕްރިމިއާ ލީގް ހޯދުމަށް އެޓީމް ކުރަމުން އަންނަ މަސަތްކަތް ތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ.

ލީގްގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅެ 2-1ގެ ނަތީޖާ އަކުން ސުވެންސަ ސިޓީ އަތުން ބަލިވި މެޗުގައި ޗެކް އަށް އަނިޔާވެފައިވާ އިރު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ޗެކްގެ ކުޑަ ކަޅުވާއަށް ލިބިފައިވާ އަނިޔާއާ ގުޅިގެން އޭނާ ތިނެއް ނުވަތަ ހަތަރު ހަފްތާއަށް ކުޅުމާއި ދުރަށް ދާންޖެހިފައިވާ ކަމަށެވެ.

"ޗެކް ގެ ކުޑަ ކަޅުވާއަށް ލިބިފައިވަނީ ސިރިއަސް އެންޖަރީއެއް. މެޗުގެ ކުރިން ވެސް ވަނީ ފަޔަށް ކޮންމެ ވެސް ވަރަކަށް ތަދުވާތީ އުޅެފަ. ނަމަވެސް މެޗެށް އެރުވީ 100 ޕަސެންޓް ފިޓް ކަމަށް ޗެކް ބުނުމުން،" ވެންގާ ބުންޏެވެ.

ލީގްގެ ތިން ވަނާގައި އާސެނަލް އިން 51 ޕޮއިންޓާއި އެކު އޮތް އިރު ހޮނިހިރު ދުވަހުގެ ރޭ އެ ޓީމް ނިކުންނާނީ 54 ޕޮއިންޓާއި އެކު ދެވަނާގައި އޮތް ޓޮޓެންހަމާއި ދެކޮޅަށެވެ. އެ މެޗަށް ނިކުންނައިރު އާސެނަލްގެ އެއް ނަމްބަރު ކީޕަރަށް އަނިޔާވެފައިވާއިރު އެ ޓީމުގެ ޑިފެންޑަރު ލައުރެންޓް ކޮސެއިލްނީ އަށް ވެސް އެ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ.

ޓޮޓެންހަމާއި ދެކޮޅަށް މާދަމާރޭ އެ ޓީމުގެ ދަނޑުގައި ނިކުންނައިރު އާސެނަލް އިން ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ. ފޯރިގަދަ ވާނެ ކަމަށް ބެލެވިފައިވާ އެ މެޗަށް އާސެނަލް އިން ނިކުންނަ އިރު ވެންގާ ބުނީ އެމެޗަށް ވަކި ހާއްސް ކަމެއް ނުދޭ ކަމަށާއި އެ މެޗަށް ވެސް ތައްޔާރު ވަމުން އަންނަނީ އެހެން މެޗުތަކަށް ވެސް ތައްޔާރު ވަމުން އަންނަ ގޮތައްކަމަށެވެ.

"އެއީ ބޮޑު މެޗަކަށް ވެގެން ދާނީ. މުހިންމު މެޗަކަށް ވެސް ވެގެން ދާނެ. ނަމަވެސް އަހަރެމެންގެ ތައްޔާރީތައް ދާނީ ހަމަ ކުރިއެކޭ ވެސް އެއް ގޮތަކަށް،" ވެންގާ ބުންޏެވެ.

ލީގްގައި މާދަމާރޭ އާސެނަލް އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗު އޮންނާނީ 06:15 ގަ އެވެ.