04 Mar 2016, 15:24
ވޮޝިންޓަން (މާޗް 4):ދުނިޔޭގެ ގައުމުތަކުގެ ދީނީ މިނިވަންކަން އޮތްމިންވަރު ބަލައި މޮނިޓަރ ކުރުމުގެ ނަމުގައި އެމެރިކާއިން އުފައްދާފައިވާ އެޖެންސީގެ ވަފްދެއް އިންޑިޔާއަށް ދިޔުމަށް ވިސާ ދިނުމަށް އެގައުމުން ދެކޮޅު ހަދައިފިއެވެ.
"ޔޫއެސް ކޮމިޝަން އޮން އިންޓަނޭޝަނަލް ރެލިޖަސް ފްރީޑަމް" އިން ބުނީ އެކޮމިޝަންގެ ވަފްދެއް އިންޑިޔާއަށް ފޮނުވުމަށް ނިންމީ ވޮޝިންޓަންގައި ހުންނަ އިންޑިޔާގެ އެންބަސީއާ ކޯޑިނޭޓްކޮށްގެންނެވެ. މިވަފްދުގެ ބޭނުމަކީ އެމީހަކު އުޅެންބޭނުންވާ ދީނަކަށް އުޅުމުގެ މިނިވަންކަން އިންޑިޔާގައި އޮތްމިންވަރުބަލައި ރިޕޯޓެއް ތައްޔާރު ކުރުމެވެ. ނަމަވެސް މިވަފްދު އިންޑިޔާއަށް ދިޔުމުގެ ހުއްދަ އިންޑިޔާ ސަރުކާރުން ނުދިނުމުން އެކަމާދެރަވާކަމަށް އެ އެޖެންސީގެ ވެރިޔާ ރޮބަޓް ޖޯޖް ވިދާޅުވިއެވެ.
ޖޯޖް ވިދާޅުވީ، އިންޑިޔާއަކީ ހުޅަނގުގެ ޑިމޮކްރަސީއަށް ވެރިކަން ކުރާ ގައުމަކަށްވެފައި ދީނީ މިނިވަންކަންވެސް ގާނޫނު އަސާސީން ލިބިދީފައިވާއިރު މިކަން ބަލައި ޗެކްކުރުމަށް ފޮނުވާ ވަފްދަކަށް އިންޑިޔާ ސަރުކާރުން ހުރަސްއެޅުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމުގައެވެ.
"ޔޫއެސް ކޮމިޝަން އޮން އިންޓަނޭޝަނަލް ރެލިޖަސް ފްރީޑަމް" އަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި ގައުމުތަކުގެ ދާޚިލީ ހަމަޖެހުން ގެއްލި އަދި ފިތުނަ އުފެދޭގޮތަށް ރިޕޯޓްތައް އެކުލަވައިލާ އެޖެންސީއެއްކަމަށް ތުހުމަތުކުރެވިފައިވާ އެޖެންސީއެކެވެ. އެ އެޖެންސީގެ ވަފްދުތައް ދިޔުމުގެ ހުއްދަ ބައެއް ގައުމުތަކުން ދިން ނަމަވެސް އަނެއްބައި ގައުމުތަކުން އެ އެޖެންސީއަށް މިފުރްސަތު ދިނުމަށް ގެންދަނީ ދެކޮޅު ހަދަމުންނެވެ.
އަނެއްކޮޅުން އެމެރިކާއަކީވެސް ހުޅަނގުގެ ޑިމޮކްރަސީއަށް ވެރިކަން ކުރާ ގައުމަކަށްވެފައި ދީނީ މިނިވަންކަން ވެސް ގާނޫނު އަސާސީން ލިބިދީފައިވާ ގައުމެކެވެ. ނަމަވެސް އެމެރިކާ ސަރުކާރުގެ އިދާރާކުންނާއި އެމެރިކާގެ ދައުލަތުގެ އިދާރާތަކުން ގެންދަނީ ޓެރަރިޒަމްގެ ބަހަނާގައާއި ގައުމީ ސަލާމަތުގެ ބަހަނާގައި އެމެރިކާގެ މުސްލިމުންނާ މެދު ތަފާތުކޮށް މުސްލިމުންގެ ދީނީ އަދި އިންސާނީ ހައްގުތަކަށް ފާޅުގައި އަރައިގަންނަމުންނެވެ. އަދި އެމެރިކާގެ ހަރުކަށި ވިސްނުމުގެ ސިޔާސީ ބައެއްލީޑަރުން ދުނިޔޭގެ އެހެން ގައުމުތަކުގެ މުސްލިމުން އެމެރިކާއަށް އެރުން މަނާކުރުންފަދަ ހަރުކަށި އަމަލުތަކަށްވެސް ގެންދަނީ ފާޅުގައި ގޮވާލައްވަމުންނެވެ.
މީގެއިތުރުން ޕާކިސްތާނާއި އަފްޣާނިސްތަނާއި ޔަމަން އަދި އިރާގާއި ލީބިޔާއާއި ސޫރިޔާ ފަދަ އިސްލާމީ ގައުމުތަކަށް ވައިގެ މަގުން ޙަމަލާތައްދީ އެގައުމުތަކުގެ ކުށެއްނެތް އެތަށް ހާސް މުސްލިމުން މަރަމުން ގެންދާކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ވަނީ ކުރެވިފައެވެ.
މީގެއިތުރުން އެމެރިކާ ވަނީ ގުއަންޓެނާމޯ ޖަލުގައި އެއްވެސް ޝަރީއަތަކާނުލައި އެތަށް ސަތޭކަ މުސްލިމުންނެއް ހައްޔަރުކޮށް އެމީހުންނަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދީފައެވެ. އަދި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ މައްޗަށް އިރާގަށް ޣައިރު ގާނޫނީ ގޮތުން އަރައިގަނެ އެތަށް ލައްކަ ބަޔަކު މަރާލި ކަމުގެ ތުހުމަތު ކުރެވިފައިވާއިރުވެސް ބުޝް ހައްޔަރުކޮށް އޭނާ އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމުގައި އެމެރިކާގެ ޑިމޮކްރެޓިކް މުއައްސަސާތައްވަނީ ނާކާމިޔާބު ވެފައެވެ. (ނޫސްއެޖެންސީތައް)