ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވަމުން އަންނަ 14 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ޖުމްލަ 10 ޓީމާއި އެކު އިއްޔެ ފަށައިފިއެވެ.

ހެންވޭރު ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ފެށި އެމުބާރާތުގައި ފުރަތަމަ މެޗުގައި ބައްދަލު ކުރީ އެންމެ ފަހުގެ ޗެމްޕިއަން އިސްކަންދަރު ސުކޫލްއާއި ތާޖުއްދީން ސުކޫލްއެވެ. އެ މެޗު ފަސޭހަ ކަމާއި އެކު އިސްކަންދަރު ކާމިޔާބް ކުރީ 5-1 ގެ ނަތީޖާ އަކުންނެވެ.

14 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ އިސްކަނދަރާއި ތާޖުއްދީން ބައްދަލު ކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ކޮންމެ ދުވަހަކު ވެސް ދެ މެޗުކުޅުމަށް ހަމަޖެހިފައިވާ އެ މުބާރާތުގެ ދެވަނަ މެޗުގައި ޣިޔާސުއްދީން ސްކޫލުން ބިލަބޮންގް ހައި އިންޓަނޭޝަނަލްގެ މައްޗައް ކުރި ހޯދި 2-1ގެ ނަތީޖާ އަކުންނެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ގްރޫޕް އެކެއްގައި ހިމެނެނީ އިސްކަންދަރު ސްކޫލާއި ތާޖުއްދީން ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަންލަ ސްކޫލާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

ގުރޫޕް ދޭއްގައި ހިމެނެނީ ރެހެންދި ސްކޫލާއި މަޖީދިއްޔާ ސްކޫލާއި އިމާދުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލްގެ އިތުރުން ކަލާފާން ސްކޫލެވެ.

14 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ އިސްކަންދަރާއި ތާޖުއްދީން ބައްދަލު ކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

މިމަހުގެ 22 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި އެހެން އަހަރުތަކާއި ހިލާފަށް މި އަހަރުގައި އެންމެ މޮޅު 11 ކުޅުންތެރިން ހޮވާނެ ކަމަށް އެފްއޭއެމް އިން މައުލޫމާތު ދެއެވެ. އަދި އެ 11 ކުޅުންތެރިންގެ ތެރޭގައި އެއް ގޯލް ކީޕަރު ހިމެނޭނެއެވެ.

އަދި 14 އަހަރުން ދަށުގެ މުބާރާތް ނިމުމާއި އެކު 16 އަހަރުން ދަށާއި 18 އަހަރުން ދަށުގެ މުބާރާތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.