ލިއޮނަލް މެސީގެ ހެޓްރިކާއެކީ 1-5 ގެ ނަތީޖާއިން ރަޔޯ ވަޔެކާނޯގެ މައްޗަށް ކުރި ހޯދާ، ސްޕެނިޝް ފުޓްބޯޅައިގައި ބާސެލޯނާއިން އާ ރިކޯޑެއް ގާއިމް ކޮށްފިއެވެ.

ރޭގެ މޮޅާއިކު ބާސާއިން ބަލިނުވެ 35 މެޗު ހަމަކޮށް 1989 ވަނަ އަހަރު ވާދަވެރި ރެއާލް މެޑްރިޑުން ހަދާފައިވާ ރެކޯޑް ވަނީ މުގުރާލާފައެވެ.

ވަޔެކާނޯގެ ދަނޑުގައި ކުޅުނު އެ މެޗުގައި ބާސާގެ ލިއޮނަލް މެސީ ހެދި ހެޓްރިކާއި އެކު އޭނާ ވަނީ ސްޕެނިޝް ލީގްގައި 35 ހެޓްރިކް ހަމަކޮށް ކުރިސްޓިއާނޯ ރޮނާލްޑޯގެ ރިކޯޑާއި އަރާ ހަމަކޮށްފައެވެ. ނުވަ ކުޅުންތެރިންނާއި އެކު ކުޅެމުން އައި ވަޔޮކާނޯ ކޮޅަށް ބާސާއިން ޖެހި އަނެއް ދެ ގޯލް ކާމިޔާބް ކޮށްދިނީ އިވާން ރަކިޓިޗް އާއި އަރްޑާ ޓުރާން އެވެ.

ސްޕެނިޝް ލީގްގައި ރޭ ރަޔޯ ވަޔެކާނޯ އާއި ބާސާ ބައްދަލުކުރި މެޗުގައި މެސީ އަތުން ބޯޅަ ހޯދުމަށް ވަޔޮކާނޯގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ

ވަޔޮކާނޯގެ ހަމަ އެކަނި ގޯލު އެ ޓީމަށް ކާމިޔާބް ކޮށްދިނީ މަނޫޗޯ ގޮންޒާލްވެސް އެވެ.

އެ މޮޅާއެކީ ބާސާއިން ވަނީ ލީގުގެ އެއްވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. 69 ޕޮއިންޓާއި އެކު ތާވަލުގެ އެއްވަނާގައި ބާސާ އޮތް އިރޔ ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 61 ޕޮއިންޓެވެ. 57 ޕޮއިންޓާއެކީ ލީގުގެ ތިންވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.

ސްޕެނިޝް ލީގްގައި ރޭ ރަޔޯ ވަޔެކާނޯ އާއި ބާސާ ބައްދަލުކުރި މެޗުގައި ސުއަރޭޒް ވަޔޮކާނޯގެ ގޯލަށް ބޯޅަ ފޮނުވާލަނީ --- ފޮޓޯ: އޭޕީ

ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗު ލުއިސް އެންރިކޭ ބުނީ ކުރިއަށް އަދި ވަރަށް ގިނަ ކަންތައްތަކެއް އިބަހުރު ކަަމަށާއި ބާސާގެ ފަރާތުން މިހާރު އެފެންނަ ކުޅުން ފެންނަހާ ހިނދަކު އެ ޓީމް ބަލިކުރުމަކީ ވުމަށް ވުރެން ނުވުން ގާތް ކަމެއް ކަމަށެވެ.

"ކެއްކޮށްލައިގެން ބަލަން ތިބޭ! ބާސާގެ ފަރާތުން ވަރަށް ތަފާތު ކަންތައްތަކެއް އަދި ފެންނާނެ. މިއަށް ވުރެން ވެސް މޮޅު ކުޅުމެއް ކުރިއަށް އޮތްތާންގައި އަދި ފެންނާނެ. ރޭގެ މެޗުގައި ވެސް އެއްވެސް ކަހަލަ ނުރައްކަލެއް ބާސާއަކަށް ކުރިމައްޗެއް ނުވޭ،" އެންރިކޭ ބުންޏެވެ.

ބާސާއިން ރޭ ގާއިމް ކުރި އެ ރެކޯޑާއި އެކު އެންރިކާ ބުނީ އޭނާ އަކީ އެއްވެސް ވަރަކަށް ސްޓެޓިސްޓިކަށް ބަލާ މީހެއް ނޫން ކަމަށާއި އޭނާގެ އަބަދުވެސް ވިސްނުން ހުރީ ބާސާއަށް ގިނަ ޓްރޮފީތަކެއް ހޯދައި ދިނުމަށް ކަމަށެވެ.