04 Mar 2016, 13:14
ޔޫރަޕިއަން ޕާލަމެންޓުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ތިއްބަވާ ވަފުތުގެ ރައީސް ޖީން ލަމްބާޓާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އެޓާނީ ޖެނެރަލް މުޙައްމަދު އަނިލް ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ބެލްޖިއަމްގެ ވެރިރަށް ބުރަސުލްސްގައިވާ ޔޫރަޕިއަން ޕާލަމެންޓްގައި އިއްޔެ ހެނދުނު ބޭއްވެވި އެ ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ މައުލޫމާތު ، ފޮރިން މިނިސްޓަރު ދުންޔާއާއި އޭޖީ އަނިލް، ލަމްބާޓަށް ދެއްވި ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ބެހޭ މައުލޫމާތު ވެސް އެދެބޭފުޅުން ލަމްބާޓަށް ދެއްވިއެވެ. ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ މުއައްސަސާތައް ހަރުދަނާ ކުރުމަށާއި ސުލްހައާއި ހަމަޖެހުން ގާއިމްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތާ ބެހޭ މައުލޫމާތުވެސް އޭނާއަށް ދެއްވި ކަމަށެވެ.
ބްރަސުލުސްގައި ހުންނަވާ ރާއްޖޭގެ ސަފީރު އަޙުމަދު ޝިއާންއާއި އެރަށުގައިވާ ރާއްޖޭގެ މިޝަންގެ ކައުންސެލާ ފާތިމަތު ޣިނާއާއި ފޮރިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޚަދީޖާ ނަޖީހާ ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.