މުއާސަލާތީ ކުންފުނި އުރީދޫއިން މާލެއާއި އެއް "ސްޕީޑެއް" ގައި މިއަހަރު އަތޮޅުތެރޭ ރަށްތަކަށް އިންޓާނެޓުގެ ހިދުމަތް ފޯރުކޮށްދެވިގެންދާނެ ކަަމަށް އެކުންފުނިން ބުނެފިއެވެ.

މުޅި ރާއްޖެއަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އުރީދޫއަށް އިންޓަނެޓް ސާވިސް ޕްރޮވައިޑާ (އައިއެސްޕީ) ލައިސަންސް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައިވަނީ ދީފައެވެ.

އެހިދުމަތާއި ގުޅޭގޮތުން ސަން އިން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވީ އިންޓާނެޓުގެ ހަލުވި ސުޕީޑު އާންމު ރައްޔިތުންނަށް ދިނުމަށްޓަކައި އަޅަންޖެހޭ ސަބްމެރީން ކޭބަލް އެޅުމުގެ މަސައްކަތް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އެއާއެކު މިއަހަރު ނިމުމުގެ ކުރިން މާލެއާއި އެއް ސްޕީޑެއްގައި އަތޮޅުތެރޭ ރަށްތަކުގައި އިންޓާނެޓުގެ ހިދުމަތް ދެވިގެންދާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

"މާލޭގެ ގޭގެއަށް އަޅުގަނޑުމެންލާ ފިޒިކަލް އިންޓާނެޓް އެހެން ރަށްރަށަށްވެސް ލިބޭނެ، ހަމަ އެ ސްޕީޑުގައި. އަޅުގަނޑުމެން ތަފާތެއް ނުކުރަން މާލެއެކޭ އެހެން ހިސާބެކޭ،" ނިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސަބްމެރީން ކޭބަލް ކުޅުދުއްފުށިން ފެށިގެން ހިތަދޫ އާއި ހިސާބަށް އަޅަން ނިންމާފައިވާ ކަމަށެވެ.

މުޅި ރާއްޖެއަށް އިންޓާނެޓުގެ ހިދުމަތް ދިނުމުގެ ހުއްދަ ލިބުމާއެކު އުރީދޫގެ ސީއީއޯ ވިކުރަން ސިންހަ ސަން އަށް ދެއްވި އިންޓަވިއޫއެއްގައި ވިދާޅުވީ އުރީދޫއަކީ ބައިނަލްއަގުވާމީ ގޮތެއްގައި ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށްވާ އިރު އެ ކުންފުނިން މެދުއިރުމަތީގެ ގައުމުތަކަށް ވެސް ހިދުމަތްދޭ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖެއަށް ހިދުމަތް ދިނުމަށް ތައްޔާރުވެފައިވާ ކަމަށެވެ.