އެމެރިކާގެ ޓެނެސީ ސްޓޭޓުގެ ނޭޝްވިލްގައި، 16 އަހަރުގެ ކުއްޖަކު ސްކޫލަށް ދިއުމަށް ދެކޮޅު ހެދުމަށްފަހު، އޭނާގެ މާމަގެ ގަޔަށް ބަޑި ޖަހައިފި އެވެ.

ވޮޝިންގޓަން ޕޯސްޓުން ރިޕޯޓު ކުރާ ގޮތުގައި، މާރޗް މަހުގެ އެއްވަނަ ދުވަހު، 16 އަހަރުގެ ކުއްޖަކު އޭނާގެ އާއިލާގެ ބައެއް މެމްބަރުންނަށް ހަމަލާ ދީ، އޭނާގެ މާމަގެ ގަޔަށް ބަޑި ޖެހީ، އޭނާ ސްކޫލަށް ނުގޮސް ނިދަން އޮތުމުން، އޭނާ ސްކޫލަށް ފޮނުވުމަށްޓަކައި އާއިލާގެ މެމްބަރުން ގޮސް އޭނާ ހޭލެއްވުމުންނެވެ.

ނިދިން ހޭލެއްވުމަށް މާމައާއި މަންމަ އެ ކުއްޖާގެ ކޮޓަރިއަށް ދިއުމުން، އޭނާ ވަނީ ރުޅި އައިސް، އެ ދެމީހުންނާ ޒުވާބު ކޮށްފަ އެވެ. އަދި އޭނާގެ ކަބަޑު ހުޅުވައި، އޭގެން ބަޑިއެއް ނަގައިފަ އެވެ. އަދި ވަގުތުން އޭނާގެ މަންމައާއި މާމަގެ ގަޔަށް ބަޑި ޖަހައި، ހަމަލާ ދިނުމަށް އޭނާ މަސައްކަތް ކުރި އެވެ.

ނަމަވެސް، ބަޑީގެ ވަޒަން އެރީ އޭނާގެ މާމަގެ ގަޔަށް އެކަންޏެވެ. މި ހާދިސާގައި މާމައަށް ވެސް، އަދި އެގޭގައި އެވަގުތު އުޅުނު އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ ވަރުގެ ޒަޚަމެއް ލިބިފައެއް ނުވެ އެވެ.

ނޭޝްވިލްގެ ފުލުހުން ބުނާ ގޮތުގައި، އެ ގޭގައި ހިނގައިދިޔަ ކަންތަކަށް ފަހު، ބަޑި ޖެހި ކުއްޖާ ވަނީ ފިލަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން، އަވަށްޓެރިއެއްގެ ގެޔަށް ބަޑި އެއްލައިލުމަށް ފަހު އޭނާ ފިލަން ދިޔަ ނަމަވެސް، ފުލުހުން ވަނީ އޭނާ ހޯދައި ހައްޔަރު ކޮށްފަ އެވެ.

މި ކުއްޖާ ހައްޔަރު ކުރުމަށްފަހު، އޭނާގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މަރާލުމަށް މަސައްކަތް ކުރި ކަމުގެ ހަތަރު ދައުވާ އުފުލައިފަ އެވެ.

މަސްދަރު:ވޮޝިންގްޓަން ޕޯސްޓް