04 Mar 2016, 00:45
ވޮޝިންޓަން، އެމެރިކާ(މާޗް 3، 2016) -- އެކުވެރި ދައުލަތްތައް (އދ)ގެފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލްމިއަހަރުގެ ފަހުކޮޅު ހޮވުމަށް ބާރުއެޅުއްވުމަށް އެމެރިކާގެ ސެނެޓްގައި ހިމެނިވަޑައިގަންނަވާ އަންހެން ހަތް މެންބަރަކު އެގައުމުގެ ރައީސް ބަރަކް އޮބާމާއަށް ގޮވާލައްވައިފިއެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި، ދެކުނު ކޮރެއާގެ ކުރީގެ ޚާރިޖީ ވަޒީރު ބަން ކީ-މޫން، ފަސް އަހަރުގެ ދެ ދައުރު ފުރިހަމަކުރެއްވުމަށްފަހު މިއަހަރުގެ ފަހުކޮޅުގައި މަގާމުން ވަކިވެވަޑައިގަންނަވާނެއެވެ. މީގެ 70 އަހަރު ކުރިން އުފެދުނު ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާގެ އެންމެ އިސް ވެރިއަކަށް މިހާތަނަށް މުޅިންވެސް އައްޔަންކޮށްފައިވަނީ ފިރިހެން ބޭފުޅުންނެވެ.
ސަލާމަތީ މަޖިލީހުގައި ހިމެނޭ ވީޓޯކުރުމުގެ ބާރު ލިބިފައިވާ ގައުމުތައް ކަމަށްވާ، ޗައިނާ، ރަޝިއާ، ޔުނައިޓެޑް ސްޓޭޓްސް، އިނގިރޭސިވިލާތް އަދި ފްރާންސް ހިމެނޭގޮތަށް 15 ގައުމަކުން، ބަން ކީ-މޫންގެ ބަދަލުގައި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރާނޭ ކެންޑިޑޭޓަކު، އދ.ގެ 193 މެމްބަރު ގައުމުން ވޯޓުލުމަށް އާންމު މަޖިލީހަށް ހުށަހަޅާނެއެވެ.
"އަހަރެމެން މި ގޮވާލަނީ، އެމަގާމަށް ގާބިލު އަންހެން ބޭފުޅެއްގެ ނަން ހުށަހަޅަން އެމެރިކާއިން އިސްނަގައިގެން މުހިންމު ދައުރެއް އަދާކޮށްދިނުމަށް،" ސެނެޓްގައި ހިމެނިވަޑައިގަންނަވާ ހަތް ޑިމޮކްރަޓިކް ސެނެޓަރުން ރައީސް އޮބާމާއަށް ލިޔުއްވި ސިޓީގައި ވެއެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރުމަށް ބާރުއަޅައި، މިހާރުވެސް ކޮލަމްބިއާ އިސްވެ އޮވެގެން މެންބަރު 53 ގައުމަކުން މަސައްކަތްކުރަމުން ގެންދެއެވެ. އޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން ގެންދާ މަދަނީ ޖަމިއްޔާތަކުން ވެސް ދަނީ ދުނިޔޭގެ މައި ޖަމިއްޔާގެ ހިންގުން އަންހެން ބޭފުޅަކާ ހަވާލުކުރުމަށް ބާރުއަޅައި އެކަމަށް ތާއީދު ހޯދުމަށް މައްސަކަތްކުރަމުންނެވެ.
މިހާތަނަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވާދަކުރުމަށް ހަތް ކެނޑިޓޭޓެއްގެ ނަން، ހުށަހަޅާފައި ވާއިރު އޭގެ ތެރޭގައި އަންހެން ތިން ބޭފުޅެއްގެ ނަންވެސް ހިމެނެއެވެ. އެއީ ޔޫއެން ކަލްޗަރަލް އޭޖެންސީ (ޔުނެސްކޯ)ގެ ޑިރެކްޓަރ ޖެނެރަލް އަައިރީނާ ބޮކޮވާ، ކްރޮއޭޝިއާގެ ކުރީގެ ޚާރިޖީ ވަޒީރު ވެސްނާ ޕޫސިޗް، އަދި މޮލްޑޯވާގެ ކުރީގެ ޚާރިޖީ ވަޒީރު ނަޓާލިއާ ގާމަންއެވެ.
އަނެއް ހަތަރު ކެނޑިޑޭޓުންގެ ތެރޭގައި ހިމެނެނީ، މެސެޑޯނިއާގެ ޚާރިޖީ ވަޒީރު ސަރްޔާން ކެރިމްއާއި މޮންޓެނީގްރޯގެ ޚާރިޖީ ވަޒީރު އީގޯ ލުކްސިޗް، ސްލޮވީނިއާގެ ކުރީގެ ރައީސް ޑެނީލޯ ޓާކް އަދި އދ.ގެ ރެފިއުޖީންނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންޓޯނިއޯ ގޫޓެރޭސް އެވެ.
"އަޅުގަނޑު ދަންނަވާނީ، އެ ހަތްބޭފުޅުންގެ ތެރެއިން ރޭސް ކާމިޔާބުކުރުމުގެ ފުރުސަތު އެންމެ ބޮޑީ، ގޫޓެރެސްއަށް. އެހެންނަމަވެސް އަޅުގަނޑަށް އަދި ގަބޫލެއް ނުކުރެވޭ އިންތިހާބު ކާމިޔާބުކުރައްވާނޭ ބޭފުޅާގެ ނަން މިތަނަށް ހުށަހަޅާފައިވާކަމަކަށް،" ނަންހާމަ ނުކުރުމަށް ޝަރުތުކޮށް، ސަލާމަތީ މަޖިލީހުގެ ޑިޕްލޮމޭޓަކު ވިދާޅުވިއެވެ.
ޑިޕްލޮމޭޓުން ލަފާކުރައްވާ ގޮތުގައި، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލައްވައިގެން އެމަގާމު ކާމިޔާބު ކުރެވިދާނޭ އަންހެން ބޭފުޅުންގެ ތެރޭގައި ނިއުޒިލެންޑްގެ ކުރީގެ ބޮޑުވަޒީރު އަދި އ.ދގެ ތަރައްގީއާ ބެހޭ ޕްރޮގްރާމްގެ ވެރިޔާ ހެލެން ކްލާކް އާއި، އާޖެންޓީނާގެ ޚާރިޖީ ވަޒީރު ސުޒާނާ މަލްކޯރާއާއި ވިލާތު އިއްތިހާދުގެ ކޮމިޝަނާ ފޮރ ބަޖެޓް އެންޑް ހިއުމަން ރިސޯސަސް ކްރިސްޓީނާ ޖޯޖީވާ ހިމެނިވަޑައިގަންނަވައެވެ.
އދ.ގެ އެންމެ މަތީ ވެރިޔާގެ މަގާމު، މިހާތަނަށް ބަދަލުވަމުން ދާގޮތަށް ބަލާއިރު، ދެން އެމަގާމަށް އައްޔާން ކުރެވެން ޖެހޭނީ އިރުމަތީ ޔޫރަޕަށް ނިސްބަތްވާ ބޭފުޅެކެވެ.
"ސެކްރެޓަރީ ޖެނެރަލް ހޮވުމުގައި ސަރަހައްދުތައް ބަދަލުވާގޮތަށް އޮތް އޮތުމަށް އަމަލުކުރަމުން އދ.އިން މީގެ ކުރިން ގެންދިޔަ ނަމަވެސް ޖިންސުގެ ހަމަހަމަކަން ގެނައުމަށް މަސައްކަތްކޮށްފައެއް ނުވޭ،" އޮބާމާއަށް އެމެރިކާގެ ސެނެޓަރުން ލިޔުއްވާފައިވާ ސިޓީގައި ވެއެވެ.
މަސްދަރު:ރޮއިޓާސް