03 Mar 2016, 23:28
"ބޫތު" އަދި "ރަންގީލާ" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ބޮލީވުޑުގެ އެކްޓްރެސް އުރުމިލާ މަތޯންޑްކަރް ކައިވެނިކޮށްފި އެވެ.
މިއަދު ބޭއްވި ކުޑަ ހަފްލާއެއްގައި އުމުރުން 42 އަހަރުގެ އުރުމިލާ ކައިވެނިކޮށްފައި ވަނީ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ މޮހްސިން އަހްތާރް މިރް އާ އެވެ.
އުރުމިލާ އަށްވުރެ 10 އަހަރު ކުޑަ މޮހްސިން އަކީ ވިޔަފާރިވެރިއެއްގެ އިތުރުން މޮޑެލް އެއްވެސް މެއެވެ. މޮހްސިން ވަަނީ ބޮލީވުޑްގެ ކުދިކުދި ރޯލުތަކުން ފެނިގެން ގޮސްފަ އެވެ.

އުރުމިލާ އަދި އޭނާގެ ފިރިމީހާ. ދެމީހުން ކައިވެނި ކުރީ ވަރަށް ކުޑަ ހަފްލާއެއްގައި -- ފޮޓޯ: ހިންދުސްތާން ޓައިމްސް
އިންޑިއާގެ ހަބަރުތައް ބުނާގޮތުން ދެފަރާތުގެ އާއިލާއާއި ގާތް އެކުވެރިންނާއެކު ކުރިއަށް ދިޔަ އުރުމިލާގެ ކައިވެނީގެ ހަފްލާއަށް ބޮލީވުޑްގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ދައުވަތު ދީފައި ވަނީ ހަމައެކަނި ޑިޒައިނަރ މަނީޝް މަލޯތުރާ އަށެވެ.
ހަބަރުތައް ބުނާ ގޮތުން އުރުމިލާ އަދި މޮހްސިން ދިމާވެފައި ވަނީ މަނީޝް މަލޯތުރާގެ އާއިލާގެ މެމްބަރެއްގެ ކައިވެނީގެ ހަފްލާގެ ތެރެއިން 2014 ވަނަ އަހަރު އެވެ.
ގިނަ ފިލްމުތަކަކުން ފެނިގެން ދިޔަ އުރުމިލާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި، "ރަންގީލާ"، "ބޫތު"، "އެކް ހަސީނާ ތީ"، އަދި "ޕިޔާރް ތޫނޭ ކިޔާ ކިޔާ" ފަދަ ފިލްމުތައް ހިމެނެ އެވެ.
ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރު ބޮލީވުޑަށް ނުކުތް އުރުމީލާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2014 ވަނަ އަހަރު ނުކުތް މަރާޓީ ފިލްމު "އަޖޯބާ" އިންނެވެ.
އުރުމީލާ ވަނީ ޑާންސް ޝޯވ ތަކުގައި ޖަޖެއްގެ ގޮތުގައިވެސް ފެނިގެން ގޮސްފަ އެވެ.